ކާޑު ލިމިޓުން، ދިވެހީންގެ ދިރިއުޅުން ލިމިޓުވެފަ؟
ދިވެހިންނަށް ހައްޤު މިންވަރަކީ މަހަކަށް 500 ޑޮލަރުތަ؟

ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލުގެ ގޮތުގައި ވިދިވިދިގެން ފަސް އަހަރު ދިވެހިރާއްޖެ ހޮވިފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިން ޑޮލަރު ހިފައިގެން އައިސް، ހުރިހާ މުޢާމަލާތެއް ޑޮލަރުން ކުރަމުންދާއިރު، އެ ފައިދާ ދިވެހި ރައްޔިތުންގެ ޖީބަށް ނުވަންނަނީ ކީއްވެބާއެވެ؟
ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުގެ ޑޮލަރު ލިމިޓު ކުޑަވުމުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ. ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑެބިޓް ކާޑަކަށް މަހަކު 500 ޑޮލަރު އަދި ކްރެޑިޓް ކާޑަކަށް 750 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވާއިރު، މިއީ ދިވެހިންގެ އަސާސީ ބޭނުންތައް ފުއްދުމަށްވެސް އެކަށީގެންވާ އަދަދެއްބާއެވެ؟ މިއީ ދިވެހި ރައްޔިތުންނަށް ހައްޤު މިންވަރުބާއެވެ؟
ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ފެށިގެން ރެސްޓޯރަންޓްތަކާ ހަމައަށް ހުރިހާ މުޢާމަލާތެއް ޑޮލަރުން ކުރެވޭއިރު، ދިވެހިން މެލޭޝިޔާ، ތައިލެންޑް، އިންޑިޔާ އަދި ސިންގަޕޫރު ފަދަ ޤައުމުތަކަށް ދަތުރުކުރާއިރު، އެ ޤައުމުތަކުގެ ރިންގިޓް، ބާތް، ރުޕީ އަދި ސިންގަޕޫރު ޑޮލަރަށް ބަދަލުކޮށްގެން މުޢާމަލާތްކުރަން މަޖުބޫރުވެއެވެ. މިސާލަކަށް މެލޭޝިޔާގެ އެއަރޕޯޓުން ޓެކްސީއެއް ނަގަން ވިޔަސް، ކެއުމަށް ރެސްޓޯރަންޓަކަށް ދިޔަނަމަވެސް، ޝޮޕިންގ މޯލްއަކުން އެއްޗެއް ގަންނަން ވިޔަސް ރިންގިޓަށް ބަދަލުކުރަން ޖެހެއެވެ. އެހެންނަމަވެސް ރާއްޖޭގައި ހުރިހާ މުޢާމަލާތެއް ޑޮލަރުން ކުރެވޭއިރު، އެ ފައިދާ ސީދާ ގޮތެއްގައި ރައްޔިތުންނަށް ނުލިބި، ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުގެ ޑޮލަރު ލިމިޓް ކުޑަވުމުގެ ސަބަބުން، ބޭސްފަރުވާއަށާއި، ތަޢުލީމަށާއި، ވިޔަފާރިއަށް އަދި އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ނުލިބި، ކަޅު ބާޒާރުން 20 ރުފިޔާއަށްވުރެ މަތީ އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެފައިވެއެވެ.
"އަހަރެންގެ މަންމައަށް ކެންސަރު ބަލީގެ ފަރުވާ ހޯދަން އިންޑިއާއަށް ދާން ޖެހުނުއިރު، ހަމައެކަނި ހޮސްޕިޓަލްގެ ޑިޕޮސިޓަށް 3000 ޑޮލަރު ދައްކަން ޖެހުނު. ކާޑު ލިމިޓް މިހާ ދަށްވީމަ، ބޭރުން ފަރުވާ ހޯދަންޖެހޭ ރާއްޖޭގެ ބަލިމީހުން ވަރަށް ދަތި ހާލުގައި ޖެހިފައި މިތިބީ" ދިވެހި ރައްޔިތެއް ހިއްސާކުރެއްވިއެވެ.
ބޭސްފަރުވާއަށް ބޭރަށް ދާ ގިނަ ބަލިމީހުން މިހާރު ޖެހިފައިވަނީ ކަޅު ބާޒާރުން މަތީ އަގުގައި ޑޮލަރު ގަންނާށެވެ. 20 ރުފިޔާއަށްވުރެ މަތީ އަގުގައި ޑޮލަރު ގަންނަން ޖެހުމުން، ބޭސްފަރުވާގެ ޚަރަދު އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. މީގެ އިތުރުން، ބައެއް ފަހަރު ކަޅު ބާޒާރުންވެސް ޑޮލަރު ނުލިބި ގިނަ ބަލިމީހުން ދަތުރު ފަސްކުރަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.
ކުއްލި ބައްޔެއްގައި ނުވަތަ އެކްސިޑެންޓެއްގައި ބޭރަށް ދާންޖެހޭ ފަރާތްތަކަށް މި ލިމިޓްގެ ސަބަބުން އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. "ދަރިފުޅު ކުއްލިއަކަށް ބަލިވެގެން ބޭރަށް ގެންދަން ޖެހުނުއިރު، ޑޮލަރު ނުލިބިގެން ނެތިގެން ވަރަށް ދަތިވި. ރާއްޖޭގައި ތިބި ގާތްތިމާގެ މީހުން އެކި ފަރާތްތަކުން ކާޑު ހޯދައިގެން ކަންތައް ކުރަން ޖެހުނީ،" އެހެން ރައްޔިތަކު ވިދާޅުވިއެވެ.
500 ޑޮލަރަށް ލިމިޓު ބަދަލުކުރާއިރު ބޭރުގެ އޭޓީއެމް ތަކުން ނެގެނީ 125 ޑޮލަރު
"ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް" ގެންނަ ބަދަލުތަކެއް ކަމަށް ބުނެ މިއަދު ބެންކް އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ އޭޓީއެމްތަކުން ނަގުދު ފައިސާ ނެގޭނީ 125 ޑޮލަރަށްވާ ފައިސާކަމަށެވެ. އަދި މިކަމަށް 10 ޑޮލަރުގެ ފީއެއް ނަގާނެކަމަށެވެ. އާއްމުކޮށް ދިވެހިން ބޭސްފަރުވާ އަށް މިދަނީ އަވައްޓެރި އިންޑިއާ ނުވަތަ ސްރީލަންކާއަށެވެ. ޓުކްޓުކް ނުވަތަ ޓެކްސީ އަށް ކާޑުން ފައިސާ ދެއްކޭނެ ހެއްޔެވެ؟ އާދައިގެ ހޮޓާތަކާއި ހޮސްޕިޓަލުތަކުގެ ކެންޓީނަށް ގިނަފަހަރަށް ބޭރު ކާޑުތަކުން ފައިސާ ނުދެއްކެއެވެ. ވީއިރު ޓިކެޓަށް ލިބޭ 500 ޑޮލަރުގެ އިތުރަށް ބޭރުގެ އޭޓީއެމް އިން އެންމެ 125 ޑޮލަރު ނަގައިގެން ފުދޭނެހެއްޔެވެ؟ ކްރެޑިޓް ކާޑަކަށް 750 ލިބުނަސް އެއީ އެންމެން ހެދުމަށް ޝަރުތު ހަމަވާ ކާޑެއް ނޫނެވެ. ވަކި އަދަކަށް ޝަރުތު ހަމަވެ، އަދި ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ނަގާފައިވާ އަދަދު ނުދެއްކިއްޖެނަމަ ޖުމްލަ އަދަދުން އިންޓަރެސްޓް އަރާ ކާޑެކެވެ. ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލުގެ އާދައިގެ ރައްޔިތު މީހާ އަށް މިނޫން ގޮތެއް ނެތީބާއެވެ؟
އާދައިގެ ރައްޔިތު މީހާ އާއްމުކޮށް މުދާ ގަންނަ ސައިޓުތަކުން އިތުރު %30 ފީއެއް
އާދައިގެ ރައްޔިތު މީހާއަށް އަގުހެޔޮކޮށް ހެދުން، ގޭގައި ގެންގުޅޭ ސާމާނު، ކުޑަކުދިންގެ ކުޅޭ އެއްޗެހި، ގަންނަން ލިބުމަކީ ދިރިއުޅުމުގެ އެހެން ޒަރޫރީ ހަރަދުތަކަށް ފައިސާ ރައްކާކުރެވޭނެ ކަމެކެވެ. ނަމަވެސް، މިއަދު ރައްޔިތުންގެ ބެންކުން މި ނިންމީ ޓީމޫ، ޝެއިން، ލަޒާޑާ، އަލީބާބާ، އީބޭ އަދި އަލީ އެކްސްޕްރެސް އިން ކުރާ ވިޔަފާރިކަށް އިތުރު ފީއެއްގެ ގޮތުން %30 އިންސައްތަ ނަގާށެވެ. 100 ޑޮލަރުގެ ވިޔަފާރި ކުރާނަމަ އެއީ އިތުރު 30 ޑޮލަރެވެ. އިތުރަށް 400 ސަތޭކައަށް ވުރެ ގިނަ ރުފިޔާއެވެ. ރާއްޖެއިން ބޭރަށް ވިޔާފާރި ކުރާކަށް އެންމެނަކަށް ނުދެވެއެވެ. މާލެއިން 600 ރުފިޔާއަށް ލިބޭ ހެދުމެއް މި ސައިޓުތަކުން 100 ރުފިޔާއަށް ވުރެ ކުޑަކޮށް ލިބެއެވެ. 500 ރުފިޔާ ޒަރޫރީ ބޭނުންތަކަށް ރައްކާކުރެވެން އޮންނައިރު ބެންކަށް %30 ފީއެއް ދައްކަން ޖެހުން އިންސާފުވެރިބާއެވެ؟
އަތުގައި ރުފިޔާ ހުއްޓަސް، ލިމިޓުން ލިމިޓުވެފައި
ޓެކްނޮލޮޖީގެ ވަސީލަތްތައް ކުރިއަރައިގޮސް ކޮންމެ ތަނެއްގައި ތިބެގެން ވެސް، ތައުލީމު ހާސިލްކުރުމަށާއި ޓްރެއިނިން ފުރުސަތުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ. މިސާލަކަށް، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވާރސިޓީ ހާވާޑުން އޮންލައިން ކުރު ކޯސްތައް ބާއްވައެވެ. ނަމަވެސް މި ކޯސްތަކުގައި ކުރިއަރައި ދިއުމަށް ގިނަ ފަހަރަށް ސަބްސްކްރިޕްޝަނެއް ނުވަތަ ފީއެއް ދައްކަން ޖެހެއެވެ. އެވެސް ލިމިޓެވެ. މިހާރު ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖަންސް ޓޫލްތައް ކަމުގައިވާ ޗެޓްޖީޕީޓީ، ކުއިލްބޮޓް، ކެންވާ ފަދަ ޓޫލްތަކުގެ ޕްރިމިއަމް ސަބްސްކުރިޕްޝަނެއް ނަގަން ޖެހުނަސް ލިމިޓެވެ. މުނިފޫހިފިލުވުމަށް ނެޓްފްލިކްސް، ޕްރައިމް ފަދަ ޕްލެޓްފޯމެއް ހިޔާރުރިއަސް ލިމިޓެވެ. ދިވެހީންނަށް މިއޮތީ ލިމިޓަކާއި މެދު ވިސްނަން ޖެހިފައެވެ. ކުރިއަރައި ދިއުމަށް އޮތް ހުރަހަކީ، "ލިމިޓަކީ" ލިމިޓެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވާނީ ކިހިނެތް؟
ރައީސް މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކް ކާޑުގެ ޑޮލަރު ލިމިޓް 1400 އަށް އަދި ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަރު ބޭންކް ރޭޓްގައި ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް، މިއީ މާ ދުރު މުސްތަޤުބަލެއްގެ ވާހަކަ ކަމަށް ގިނަ ފަރާތްތަކުން ދެކޭއިރު، ޤައުމުގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމާއި، ބޭންކިންގ ސިސްޓަމް ހަރުދަނާކުރުމާއި، ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މިވަގުތު އެންމެ މުހިންމު ކަންކަން ކަމުގައި އިޤްތިޞާދީ މާހިރުން ފާހަގަކުރެއެވެ.
މިވަގުތު ދުނިޔޭގެ ހާލަތަށް ބަލައި، ރައްޔިތުންނަށް މަންފާވާނެ ގޮތަކަށް މިކަން އަވަސް މުސްތަޤުބަލެއްގައި ހައްލުވާނެކަމަކަށް ނުބެލެވެއެވެ.
ފަތުރުވެރިކަމުގެ އެއްވަނަ މަންޒިލުގެ ރައްޔިތުން އެހެން ޤައުމުތަކަށް ފަތުރުވެރިންގެ ގޮތުގައި ދިއުމަށް 500 ޑޮލަރަށް ވުރެ ގިނަ ޓިކެޓެއް ނަގަން ޖެހިއްޖެނަމަ، ޖެހެނީ އާއިލާ މެމްބަރުން ނުވަތަ ރަހުމަތްތެރިންގެ ކާޑު އެއްކޮށްގެން ވަކިވަކިން ޓިކެޓު ނަގާށެވެ. ނުވަތަ އަނެއްކާވެސް، ކަޅު ބާޒާރުގައި ހުރި އަގެއްގައި ޑޮލަރު ގަންނާށެވެ. ކަޅު ބާޒާރުހެން، ދިވެހި އިޤްތިސާދުވެސް ދިވެހީންނަށް ފެންނަނީ އަނދިރިކޮށެވެ.
ރިއެކްޓް



