ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެ

އައްޑޫސިޓީ ހިތަދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލަކުން ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓްގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު އެ ވީޑިއޯގައި ފެންނަނީ ކަފިހުރަސް މަތިން އުމުރުން ދުވަސްވީ ފިރިހެނަކު ހިނގަމުންދަނިކޮށް، ބާރު ސްޕީޑުގައި ދުއްވަމުން އައި ސައިކަލެއް އޭނާގެ ގައިގައި ޖެހި، ދެމީހުންވެސް ވެއްޓޭ މަންޒަރެވެ.
ފުލުހުންގެ ބުނި ގޮތުގައި މި އެކްސިޑެންޓްގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 19:24 ގައެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ދެމީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ފުލުހުން ގެންދަނީ ކުރަމުންނެވެ. މިފަދަ އެކްސިޑެންޓްތައް އިތުރުވަމުން ދިއުމާ ގުޅިގެން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ރިއެކްޓް



