ޚަބަރު

އާ ޓާމިނަލުގެ ޝުކުރު ހައްގުވާ ތަރުތީބަކީ އިބޫ، ޔާމީނަށް ފަހު މުއިއްޒު: މަހުލޫފް

ޖުލައި 12, 2025 - 14:19
ޖުލައި 12, 2025 - 15:51
 0
އާ ޓާމިނަލުގެ ޝުކުރު ހައްގުވާ ތަރުތީބަކީ އިބޫ، ޔާމީނަށް ފަހު މުއިއްޒު: މަހުލޫފް
މިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރު މަހުލޫފު --- ފޮޓޯ: ވިރާސީ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތުގައި އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކަމަށް ކުރީގެ މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވިއިރު ހަމައެކަނި އަޅާފައިވަނީ ޓާމިނަލްގެ ބިންގާ ކަމަށާއި، ނަމަވެސް ރައީސް ޞާލިހުގެ ވެރިކަމުގައި ޓާމިނަލްގެ މަސައްކަތަށް ބޮޑު ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު މަސައްކަތުގެ 80 އިންސައްތަ ވަނީ ނިމިފައި ކަމަށާއި، މަސައްކަތް ނިންމަން ބޭނުންވާ ފައިސާވެސް ވަނީ ހޯއްދަވާފައި ކަމަށް މަހުލޫފް ފާހަގަކުރެއްވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވެފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހަށް ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިމޭނެކަން ވަނީ އިއުލާންކުރައްވާފައި ކަމަށާއި، އަދި މިއަހަރުގެ ޖުލައި 26 ގައި ޓާމިނަލްގެ އެއްބައި ހުޅުވަން ނިންމާފައިވާކަމީ ކޮންމެ ރައްޔިތަކުވެސް އުފާކުރަންޖެހޭ ކަމެއް ކަމަށެވެ.

"މަސައްކަތުގެ 75 އިންސައްތަ ނިންމަވާ އެކަމަށް ބޭނުންވި ފައިސާގެ ބޮޑުބައި ހޯއްދެވީތީ ރައީސް ޞާލިހަށް ހައްގު ޝުކުރު އަދާކުރަން. އެމަސައްކަތް ފައްޓަވާ ބޭނުންވި ފައިސާގެ ގިނަ އަދަދެއް ހޯދެވީތީ ރައީސް ޔާމީނަށް ހައްގު ޝުކުރު އަދާކުރަން. އަދި ޓާމިނަލްގެ ބާކީ މަސައްކަތުގެ ބޮޑު ބައި ފުރިހަމަ ކުރައްވާ، ހުޅުއްވާދެއްވާކަމަށްޓަކައި ރައީސް މުއިއްޒުއަށްވެސް ހައްގުވާ ޝުކުރު އަދާކުރަން،" މަހުލޫފް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ޝުކުރު އަދާކުރަންޖެހޭ ތަރުތީބުގެ ގޮތުގައި މަހުލޫފް ފާހަގަކުރައްވާފައިވަނީ އެންމެ ފުރަތަމަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކަމަށާއި، ދެވަނައަށް ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކަމަށާއި، އަދި ތިންވަނައަށް ރައީސް މުހައްމަދު މުއިއްޒަށް ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0