67 ހާސް ރުފިޔާގެ ގަޑިއެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ބަންދުކޮށްފި
މިއީ ތިން މީހަކު ގުޅިގެން ރާވައިގެން ހިންގި ވައްކަމެއް

ފިހާރައަކުން 67،500 ރުފިޔާގެ އަގުހުރި ގަޑިއެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ގ. ސައިމާގެ މުޙައްމަދު ސިމާދު (47 އަހަރު) ހައްޔަރުކޮށް، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން ވަނީ މޫނުބުރުގާ އަޅައި، ސިފަ ނޭނގޭ ގޮތަށް ހެދުމަށްފަހު ފިހާރައަށް ވަދެ ގަޑި ވަގަށް ނަގާފައެވެ. އަދި މިއީ ތިން މީހަކު ގުޅިގެން ރާވައިގެން ހިންގި ވައްކަމެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވުނު ބަންދު މަޖިލީހުގައި ފުލުހުން ހާމަކުރި ގޮތުގައި، މިހާތަނަށް ކުރެވުނު ތަޙުޤީޤުތަކުން ވަގަށް ނެގި ގަޑި އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އެ ގަޑި ވަނީ އެހެން ފަރާތަކަށް ވިއްކާލާފައިވާކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މި މީހާ އަކީ ހައްޔަރު އަދި ބަންދު ރިކޯޑު ގިނަ މީހެއް ކަމަށާއި ހައްޔަރު ކުރެވުނު މައްސަލަތަކުގެ ތެރޭގައި ކައުންޓަފިޓް ފައިސާ ގެންގުޅުމާއި ސައިކަލު ވަގަށް ނެގުމާއި ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މައްސަލައިގައި އިތުރު ބައިވެރިން ހޯދުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.
ރިއެކްޓް



