ހަ ސައިޓަކުން ކުރާ ވިޔަފާރިން ނަގަން ނިންމި ބޮޑު ފީ އާއި ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި
ހަ ސައިޓަކުން ކުރާ ވިޔަފާރިން ނަގަން ނިންމި ބޮޑު ފީ އާއި ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި

ދިވެހިން އެންމެ ގިނައިން ވިޔަފާރި ކުރާ ބޭރުގެ ވެބްސައިޓުތަކުން ކުރާ މުޢާމަލާތްތަކަށް 30 ޕަސެންޓުގެ ބޮޑު ފީއެއް ނެގުމަށް ބޭންކް އޮފް މޯލްޑިްވސް އިން ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލަ ބަލައިނުގަތުމަށް ވެރިކަންކުރާ ޕީއެންސީގެ 29 މެންބަރުން ވޯޓުދިން އިރު، މައްސަލަ ބަލައިގަތުމަށް ވޯޓުދިނީ އެންމެ 11 މެންބަރުންނެވެ. މި މައްސަލައިގައި ހިމެނެނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ފަދަ ވެބްސައިޓުތަކުން ކުރާ މުޢާމަލާތްތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ނަގަން ނިންމި ފީއާ ގުޅޭ ކަންބޮޑުވުންތަކެވެ.
މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ މި ބަދަލާއި ގުޅިގެން "ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވާނެ" ކަމަށެވެ. އަދި މި ބަދަލާއި ގުޅިގެން އެ ވެބްސައިޓުތަކުން ކުރާ މުޢާމަލާތްތަކުގައި ޑޮލަރެއް ޖެހޭނީ 20 ރުފިޔާއަށެވެ.
މީގެއިތުރުން މައްސަލައިގައި ފާހަގަކޮށްފައިވަނީ ރިސޯޓުތަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކޮށް، މާރުކުރާ ޑޮލަރުގެ 90 ޕަސެންޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވަން މަޖުބޫރުކުރަނީ ސަރުކާރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ކަމަށެވެ. މިކަމުގެ ސަބަބުން މުދާ އިމްޕޯޓުކުރާ ފަރާތްތަކަށް ޑޮލަރު ލިބުން އިތުރަށް ދަތިވެ، ބޭންކުތަކުން އެ ފަރާތްތަކަށް ފޯރުކޮށްދެމުން އައި ޑޮލަރު ލިބުން ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި މައުރޫފް އެދިވަޑައިގެންފައިވަނީ މި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށެވެ. ނަމަވެސް ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން މި ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމުމާއެކު، މި މައްސަލައިގައި އިތުރު ބަހުސެއް ނުކުރެވޭނެއެވެ.
ރިއެކްޓް



