ޚަބަރު

ސީރިއަލް ސްކޭމަރެއް ހައްޔަރުކޮށްފި

ޖުލައި 13, 2025 - 14:58
 0
ސީރިއަލް ސްކޭމަރެއް ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން

ސްކޭމްގެ 12 މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ރަބީޢު / މާލެ، ސާއިފް އަޙްމަދު ދީދީ (30އ) އެވެ.

ފުލުހުން ބުނާ ގޮތުގައި ސާއިފް ވަނީ ތަފާތު އެކި ފަހަރުމަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ނަގާފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖުލައި 12 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 އިންނެވެ.

ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ސާއިފަކީ މީގެ ކުރިންވެސް މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެކެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.

މި މައްސަލަ މިހާރު ދަނީ އެންޓި ސްކޭމް ސެންޓަރުން ތަޙުޤީޤު ކުރަމުންނެވެ. އަދި މި މައްސަލައިގައި އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0