ގުދަނަކަށް ވަގަށް ވަދެ ނިދާފައި އޮތް މީހަކު ހައްޔަރުކޮށްފި

މާލޭގެ ގުދަނެއްގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަދެ، ނިދާފައި އޮތް 32 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތަކީ މާލެއަށް ނިސްބަތްވާ މީހެކެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ގުދަނެއްގެ ތެރޭގައި މީހަކު ނިދާފައި އޮތް ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ސީނަށް ގޮސް ބެލިއިރު، އެތަނުގައި ހިފަހައްޓާފައި ހުރި މީހާއަކީ ގުދަނުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އުޅެނިކޮށް ހުއްޓުވުނު މީހެއްކަން އެނގުނެވެ.
ފުލުހުން އޭނާއާ ސުވާލުކުރުމުން، "އެތަނަށް ވަދެފައި ވަނީ ދަންވަރު ނިދަން، އަދި އެތަނުގައި ނިދާތާ ދުވަސްތަކެއް ވެއްޖެ" ކަމަށް އޭނާ ބުނެފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުގެ ކުށުގެ ރެކޯޑަށް ބަލާއިރު، އޭނާ ވަނީ މީގެ ކުރިން 51 ފަހަރު ހައްޔަރުކުރެވިފައެވެ. މީގެ ތެރެއިން 17 ފަހަރު ވަނީ ބަންދަށް ބަދަލުކުރެވިފައެވެ. އޭނާ ގިނައިން ހައްޔަރުކުރެވިފައިވަނީ ވައްކަމުގެ މައްސަލަތަކުގައެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު އޭނާ ވަނީ ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ރިއެކްޓް



