ތިނަދޫ ޖެޓީގައި ލޯންޗެއް ޖެހި ހަތަރު މީހަކަށް އަނިޔާވެއްޖެ

ބާރު ސްޕީޑުގައި ތިނަދޫ ފަޅަށް ވަދެގެން އައި ލޯންޗެއް ކޮންޓްރޯލްނުވެ ޖެޓީގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެއެވެ.
މަޢުލޫމާތުލިބޭ ގޮތުގައި އެކްސްިޑެންޓްވީ ގދ. ހޯޑެއްދޫން ބަޔަކު ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް ތިނަދޫ ސިޓީއަށް ދަތުރުކުރި ލޯންޗެކެވެ. ތިނަދޫ ފެރީ ޓާމިނަލްގެ ޖެޓީއާ ކައިރިވި ވަގުތު ކޮންޓްރޯލް ނުވެ ބާރު ސްޕީޑުގައި އައިސް ޖެޓީގައި ޖެހުނީއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، އެކްސިޑެންޓް ހިނގި ވަގުތު ލޯންޗުގައި ތިބީ ތިން އަންހެނަކާއި އެއް އަހަރުގެ ތުއްތު ކުއްޖަކާއި ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިން ހިމެނޭ ގޮތަށް ޖުމްލަ 6 މީހުންނެވެ.
ލޯންޗް ދުއްވަން ހުރި ކެޕްޓަން ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ޖެޓީއާ ކައިރިކުރަން އުޅުނު ވަގުތު ލޯންޗުގެ އިންޖީނު ފެއިލްވެ އިންޖީނު ނިވިގެންނެވެ. އަނިޔާވެފައިވަނީ 50 އަހަރުގެ ކެޕްޓަނާއި، 29 އަހަރުގެ ކްރޫ މެންބަރާއި، 25 އަހަރާއި 28 އަހަރުގެ ދެ އަންހެނުންނަށެވެ.
އަނިޔާވި ފަރާތްތަކަށް މިހާރު ވަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ރިއެކްޓް



