ހެކްސްޓާ އެއްބަސްވުން ބާތިލު ކުރިޔަސް ބަދަލު ދޭކަށް ނުޖެހޭނެ: މިނިސްޓަރ

55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާ އާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރިޔަސް އެ ކުންފުންޏަށް ބަދަލުދޭން ނުޖެހޭނެ ކަމަށް ލޯކަލް ގަވަރނޭންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެއްބަސްވުން ބާތިލުކުރަން ޖެހުނީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތަކަށް ހެކްސްޓާއިން އެއްބަސްނުވުމުގެ ސަބަބުންނެވެ.
"55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ވަނީ ބާތިލްކޮށްފައި. އެއީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން. މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެހެން ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މިގޮތުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 55 ކައުންސިލަށް އިމާރާތްތަކެއް އެޅުމަށް ރޭވިފައިވާ މަޝްރޫޢެކެވެ. މި މަސައްކަތް އަލުން ދިވެހި ކުންފުންޏަކާ ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ރިއެކްޓް



