ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރާތީ ސަމާލުވާން އިލްތިމާސްކޮށްފި

ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ދިން މަޢުލޫމާތުގައިވާ ގޮތުން، މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކުގައެވެ. މި މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް އަންގައި، ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް އެދެއެވެ. އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެކަމަށް ފުލުހުން ވަނީ އިންޒާރުދީފައެވެ.
ސްކޭމްގައި ޖެހުމުން ޢަމަލުކުރަންވީ ގޮތް
ޓެލެގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ފުރަތަމަ ކަމަކަށް ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކޮށް، އަލުން އިންސްޓޯލްކުރުމަށްފަހު އެކައުންޓު އެކްޓިވޭޓްކުރުމަށް ފުލުހުން ލަފާދެއެވެ. އަދި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކޮށްފައިވެއެވެ.
ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް
ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމާއެކު، ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށާއި ރިކަވަރީ އީމެއިލް އެޑްކުރުމަށް ފުލުހުން އިރުޝާދު ދީފައިވެއެވެ. އަދި އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކެއް ފޮނުވިކަމުގައިވިޔަސް، އެއީ ސްކޭމަރުން ފަރުމާކޮށްފައިވާ ފިޝިންގ ލިންކަކަށް ވެދާނެތީ، އެފަދަ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ރިއެކްޓް



