ސައިކަލެއް ކޮންޓްރޯލްނުވެ ދެ މީހަކަށް އަނިޔާވެއްޖެ

ލާމު ލިންކު ރޯޑުގައި ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ވެއްޓި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ފަރުވާ ދިނުމަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:12 ހާއިރު، ލ. ފޮނަދޫ އިން ލ. ގަމަށް ދަތުރުކުރި ސައިކަލެއް މާމެންދޫ އިން ގަމަށް އަރާ ބެންޑްގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހުމުގެ ސަބަބުންނެވެ.
މި އެކްސިޑެންޓްގައި ސައިކަލުގައި ދަތުރުކުރި ދެ ފަރާތަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ. އެހެންނަމަވެސް އަނިޔާގެ ކުޑަބޮޑުމިން އަދި އަނިޔާވި ފަރާތްތަކުގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.
ފުލުހުންގެ ފަރާތުން ވިދާޅުވެފައިވަނީ މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި ބާވަތުގެ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް، ލާމު ލިންކު ރޯޑުގައި ދުއްވާއިރު ސަމާލުވުމަށް އާންމުންނަށް އިލްތިމާސް ކޮށްފައިވެއެވެ.
ރިއެކްޓް



