ގދ. ގަމަށް ދިޔަ ގައްދޫ މީހަކު ގެއްލިގެން ހޯދަނީ

ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގަމަށް މިއަދު ހެނދުނު ދިޔަ އުމުރުން 75 އަހަރުގެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މައުލޫމާތުލިބޭ ގޮތުގައި ގެއްލިގެން އުޅެނީ ގދ. ގައްދޫ ކޯޒީރައުންޑް ޒަކަރިއްޔާ މުޙައްމަދެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރެވިފައިވަނީ މިއަދު ހަވީރު 17:05 ހާއިރުއެވެ.
ގައްދޫއިން މައުލޫމާތު ލިބުނު ގޮތުގައި ޒަކަރިއްޔާ (ތުއްތުބޭ) ގަމުން ފުރައިގެން ގައްދޫއަށް އަންނަނިކޮށް ފެނުނު ކަމަށެވެ.
"ގަމުން ފުރައިގެން ގައްދޫއަށް އަޅުގަނޑު ދަނިކޮށް އަޅުގަނޑުގެ ފަހަތުން ތުއްތުބޭ ޑިންގީ ސްޓާޓް ކޮށްގެން އަންނަ ތަން ފެނުނު. ނަމަވެސް ފަހުން ފުއްޓަރާއި ދިމާލަށް ދާތަން ފެނުނީ. އަޅުގަނޑު ހީކުރީ މަސްބާނަން ނުކުތީ ކަމަށް" ގައްދޫއިން ވާހަކަދެއްކި މީހާ ބުނެފައިވެއެވެ.
ގަމަކީ ގައްދޫ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ، ކުރީގައި މީހުން ދިރިއުޅުނު ނަމަވެސް މިހާރު އެއްވެސް މީހަކު ދިރިނޫޅޭ ފަޅުރަށެކެވެ. އެރަށަކީ ގައްދޫ މީހުން ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ރަށެކެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޒަކަރިއްޔާއާ ބެހޭ އިތުރު މައުލޫމާތެއް މިވަގުތު ލިބިފައިނުވާ ކަމަށެވެ.
ރިއެކްޓް



