ލައިބްރަރީއަކީ ވަށައިގެންވާ ރާސްތާއަށް އަލިކޮށްދޭ ދަންމަރެއް: ރައީސް

ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ގައުމީ ކުތުބުހާނާގެ 80 ވަނަ އަހަރީ ދުވަހާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މި ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވާފައެވެ.
ރައީސް މުއިއްޒު ވަނީ ލައިބްރަރީ ހިދުމަތުގައި އަވަދިނެތި ބުރަކޮށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އެފަރާތްތަކަށް އަރިސްކުރައްވާފައިވެއެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެ ޖުލައި 12 ވަނަ ދުވަހަކީ ލައިބްރަރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ލައިބްރަރީތަކުގެ މުހިންމުކަމާއި ގައުމެއްގެ ތަރައްގީގައި ލައިބްރަރީތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެކަން ހަނދާންކުރުމެވެ.
މި އުފާވެރި ދުވަހާ ދިމާކޮށް، މާލޭގެ ސަލްމާން މިސްކިތުގައި ގާއިމުކުރެވުނު އިސްލާމީ ކުތުބުހާނާ މިރޭ ރަސްމީކޮށް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ގާއިމުކުރެވިފައިވާ މި ކުތުބުހާނާ ހުޅުވޭއިރު 15،000 ފޮތް ހިމެނޭނެއެވެ.
ރައީސް މުއިއްޒުގެ މި ބަސްކޮޅުން ފާހަގަކޮށްދެނީ ލައިބްރަރީތަކަކީ މުޖުތަމައުގެ އިލްމީ އަދި ސަގާފީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ މުހިންމު ވަސީލަތްތަކެއްކަމެވެ. އަދި ލައިބްރަރީތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއަކަށް އޭގެ އަލިކަން ފޯރާ މުހިންމު ހިދުމަތްތަކެއްކަމެވެ.
ރިއެކްޓް



