ޚަބަރު

ފެނަކަ ސަޢީދަށް ކޮރަޕްޝަނުގެ އިތުރު ދަޢުވާއެއް ކޮށްފި

ޖުލައި 11, 2025 - 20:33
 0
ފެނަކަ ސަޢީދަށް ކޮރަޕްޝަނުގެ އިތުރު ދަޢުވާއެއް ކޮށްފި
ފެނަކަ ސަޢީދު -- ފޮޓ: ވިރާސީ

ފެނަކައަށް އައިސްޕްލާންޓެއް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސަޢީދު މުހައްމަދު (ފެނަކަ ސަޢީދު) ގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ސަޢީދުގެ މައްޗަށް ދަޢުވާކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަށުންނެވެ. މި މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރުމަށްފަހު މިދިޔަ އޭޕްރީލް މަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

2023 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 30 ވަނަ ދުވަހު ފެނަކައިގެ އެމްޑީގެ ހައިސިއްޔަތުން ސަޢީދު ވަނީ ފެނަކައާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ ބަދަލުގައި، ކައިޒާން އިންވެސްޓްމަންޓުން އެ ރަށުގައި ކުރިން ގާއިމުކޮށްފައިވާ އައިސްޕްލާންޓެއް 11،251،946ރ އަށް ގަތުމަށް ނިންމާފައިވާކަމަށް ދަޢުވާގައި ބުނެފައިވެއެވެ.

އަދި މި މުއާމަލާތް ހިންގާފައިވަނީ ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ލަފައެއް ނެތި ކަމަށާއި ފެނަކައިގެ ބިޒްނަސް ޕްލޭންގައި މި ޕްރޮޖެކްޓަކީ މާލީ ގޮތުން ފައިދާހުރި ޕްރޮޖެކްޓެއް ނޫން ކަމަށް ބަޔާންކޮށްފައި ވަނިކޮށް ކަމަށްވެސް ޕީޖީން ވަނީ ފާހަގަކޮށްފައެވެ. އަދި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހު ބޭއްވުނު ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި، ފެނަކައިން އިންހައުސްކޮށް އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންދާކަން ހާމަނުކޮށް، ކައިޒާން އިންވެސްޓްމަންޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލާގައި ސަޢީދުގެ މައްޗަށް ކުރެވޭ ދަޢުވާ ސާބިތުވެއްޖެނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0