ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކަށް ބޮޑު ޖޫރިމަނާއެއް

ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގައި ސ. ހިތަދޫ ފަނާވިލާގޭ، ހަސަން އަލީމް ޒުހުރީ 33،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ގޮތުގައި، 2021 ވަނަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހުގެ ރޭ 21:25 ހާއިރު މަޖީދީމަގުން އިރުން ހުޅަނގަށް ދުއްވަމުން ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މީހަކު ފުލުހުން ބަހައްޓާފައި ހުރި ޓްރެފިކް ކޯނެއް އެއްލާލާފައިވެއެވެ. އަދި މަޖީދީމަގާއި މާވެޔޮ މަގު ގުޅޭ ކަންމަތީގައި ހުރި ޓްރެފިކް ފުލުހުން މަޑުކުރަން އެންގުމުން ވެސް ސައިކަލު މަޑުނުކޮށް ދުއްވާފައި ގޮސްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ދައުލަތުން ހަސަން އަލީމްގެ މައްޗަށް ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އުފުލާފައެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ފުރަތަމަ 5 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް މި ހުކުމް ވަނީ 33،000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.
ކޯޓުން ކަނޑައެޅި ގޮތުގައި މި ޖޫރިމަނާގެ ފައިސާ ޖުލައި 1 ވަނަ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ޖެހޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން އަދަބު މުރާޖައާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންވާ ކަމަށް ކޯޓުން ބުނެފައިވެއެވެ.
ރިއެކްޓް



