ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދުކޮށްފި

މާލޭގެ ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ތަހުގީގަށް 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ފުލުހުންގެ ބުނިގޮތުގައި، ފެންޓަސީ ސްޓޯރުން ޗޮކްލެޓެއް ވަގަށް ނެގި މީހަކު ހިފަހައްޓާފައިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ސީނަށް ގޮސް ބެލިބެލުމުން، ފިހާރައިގެ ސީސީޓީވީ ކެމެރާއިން އެ މީހާ ޗޮކްލެޓެއް ވަގަށް ނަގައި، ޖީބަށް ލައިގެން ފިހާރައިން ނުކުމެގެން ދާން އުޅޭ މަންޒަރު ފެނިފައިވާކަމަށެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ މީހާ ހިފެހެއްޓުމަށްފަހު ޗޮކްލެޓް ވަގަށް ނަގައިގެން ދާން އުޅުނުކަމާމެދު ސުވާލުކުރުމުން އޭނާ އެކަމަށް އެއްބަސްވެފައެވެ. އަދި އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު މީގެ ކުރިން ވެސް 29 ފަހަރު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 18 ފަހަރު ބަންދުކޮށްފައިވާކަމަށް ކޯޓުން ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން ފާހަގަކުރި ގޮތުގައި، އޭނާ ކުރިން ހައްޔަރުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ވައްކަމުގެ އެކި މައްސަލަތައް ހިމެނެއެވެ.
ރިއެކްޓް



