މޯލްޑިވިއަންއިން ޗައިނާގެ ޝެންޒެންއަށް ދަތުރުތައް ފަށައިފި

ގައުމީ އެއާލައިން މޯލްޑިވިއަންއިން ޗައިނާގެ ޝެންޒެންއަށް ސީޒަނަލް ދަތުރުތައް ފަށައިފިއެވެ.
މި ދަތުރުތަކަކީ އަންނަ މަހުގެ 21 ގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކެކެވެ.
މޯލްޑިވިއަންއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުތައް ކުރިއަށް ގެންދާނީ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހުއެވެ. އަދި މި ދަތުރުތަކުގައި ބޭނުންކުރާނީ އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ބޯޓު، އޭ320 މަރުކާގެ މަތިންދާބޯޓެވެ.
މި ދަތުރުތައް ފެށުމަށް ނިންމާފައިވަނީ މިދުވަސްވަރު އެ ސަރަހައްދުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ޑިމާންޑް އިތުރުވެފައިވާތީއެވެ.
މިހާރުވެސް މޯލްޑިވިއަންއިން ވަނީ އެ އެއާލައިންގެ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓް، އޭ330 ގައި ޗައިނާގެ ޗެންގްޑޫ، ބެއިޖިން އަދި ޝެންހާއީއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. މި ދަތުރުތައް ފެށިފައިވަނީ މިދިޔަ ޖެނުއަރީ މަހު އެ ކުންފުނީގެ ފްލީޓަށް ގެނައި ވައިޑް ބޮޑީ މަތިންދާ ބޯޓާ އެކުގައެވެ.
ޗައިނާގެ އެކި މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރުމަކީ ދެ ގައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ.
ރިއެކްޓް



