މޫސުން ގޯސްވެ ބައެއް ރަށްތަކަށް އުދައަރަނީ

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރަން ފަށައިފިއެވެ.
މިގޮތުން ބައެއް ރަށްރަށުގެ ރަށުތެރެއަށް ލޮނުގަނޑު އަރާފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެއެވެ. އަދި ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިގޮތުން ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަވެފައި ވައި ބާރުވާނެ ކަމަށާއި ކުރިޔަށް އޮތް ހުކުރު އަދި ހޮނިހިރުދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކަމަށާއި ބައެއް ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމުގައި މެޓުން ބުނެފައިވެއެވެ.
މެޓުން މަޢުލޫމާތުދޭ ގޮތުގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވެއެވެ. ވިއްސާރައިގެ ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށްވެސް 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ މިންވަރަކަށް މަޑުވާނެ ކަމަށް ބެލެވޭއިރު، އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ މިންވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ އިންޒާރު ދީފައެވެ. ނަމަވެސް މާލެ ސަރަހައްދަށް މާދަމާއަށްފަހު ރާއްޖޭގެ މޫސުން ރަނގަޅުވަމުން އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރިއެކްޓް



