މާލެއިން ބުޅާ މަދުވަމުންދާ މައްސަލަ ފުލުހުން ބަލަންފަށައިފި
މިމައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ މިނިސްޓްރީގެ އެދުމުގެ މަތިން

މާލެ ސަރަހައްދުން ބުޅާ މަދުވަމުންދާ މައްސަލަ ބެލުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.
މިއީ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އެދިގެން ފުލުހުން ބަލަން ފަށާފައިވާ މައްސަލައެކެވެ.
ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވި ގޮތުގައި، މި މައްސަލައާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ރަސްމީކޮށް މައުލޫމާތު ހިއްސާކޮށްފައި ނުވިނަމަވެސް، ސޯޝަލް މީޑިއާގައި މިކަން ފާހަގަކުރަމުންދާތީ، މި މަހުގެ 23 ވަނަ ދުވަހު ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދި ސިޓީއެއް ފޮނުވާފައެވެ.
ފުލުހުން މިހާރު ދަނީ މާލެ ސަރަހައްދު ޕެޓްރޯލްކުރާއިރު، މި މައްސަލައަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ. އަދި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ގުޅިގެން މި މައްސަލައިގައި ބަލަންޖެހޭ އެންމެހާ ކަންކަން ބަލަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިހާތަނަށް ކުރެވުނު ތަހުގީގުތަކުން ބުޅާ މަދުވަމުންދާ ސަބަބު އަދި ދެނެގަނެވިފައި ނުވާކަމުގައި ފުލުހުން ބުނެފައިވާއިރު, މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުންނަށް ލިބިފައިވާނަމަ، އެ މައުލޫމާތެއް ފުލުހުންނަށް ނުވަތަ ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ރިއެކްޓް



