ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި

ޖުލައި 6, 2025 - 12:30
 0
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، މާލެ، އިބްރާހީމް ޝަރީފް (41އ) އާއި ގ. ސެމިޓޯން، މާލެ، ޙަމްޒާ ޝަރީފް (44އ) އެވެ.

މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް ކުރެވޭ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި، ހައްޔަރުކުރެވުނު ދެ މީހުން ބަލައިފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވެއެވެ. އެގޮތުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 90.54 ގުރާމް އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ޑްރަގް އެންފޯސްމަންޓުން ދަނީ ކުރިއަށް ގެންދަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0