މަސްތުވާތަކެއްޗާއެކު ކަމަދޫ އިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ބ. ކަމަދޫ އިން ދެ މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 2 ވަނަ ދުވަހު ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަދޫ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ބ. ކަމަދޫ / ސުވާސާގެ، ޢަލީ ރިޔާޟު ޙަސަން (53އ) އާއި ބ. ކަމަދޫ / ފެންފިޔާޒުގެ، އާމިނަތު ފަރީޝާ (42އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ރިޔާޟު ޙަސަން 5 ދުވަހުގެ މުއްދަތަށް އަދި އާމިނަތު ފަރީޝާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ކުރަމުންނެވެ.
ރިއެކްޓް



