މަސްތުވާތަކެއްޗާއެކު ހެންވޭރުގެ ގެއަކުން ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް މިދިޔަ ހުކުރު ވިލޭރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 214 ގުރާމުގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ، މާލެ، އަހްމަދު ނަޘްމީން (28 އަހަރު) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 10 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައި، އަހްމަދު ނަޘްމީން ހައްޔަރުކޮށް، އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ގެއެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ވަގުތީ ބަރުދަނަކީ 214 ގުރާމެވެ. މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 16،800 ރުފިޔާއަށް ވުރެ ގިނަ ފައިސާވެސް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އަހްމަދު ނަޘްމީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށްވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
ފުލުހުންގެ މި އޮޕަރޭޝަނަކީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.
ރިއެކްޓް



