ޚަބަރު

އައްޑޫގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 83 ބިދޭސީން އަތުލައިގަނެފި

އައްޑޫގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 83 ބިދޭސީން އަތުލައިގަނެފި

ޖޫން 26, 2025 - 17:12
 0
އައްޑޫގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 83 ބިދޭސީން އަތުލައިގަނެފި
އިމިގްރޭޝަނުން އައްޑޫގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން -- ފޮޓޯ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނުން އައްޑޫ ސިޓީގައި އިއްޔެ ކުރިއަށްގެންދިޔަ ބޮޑު އޮޕަރޭޝަނެއްގައި ސައްހަ ވިސާ ނެތް 83 ބިދޭސީއަކު އަތުލައިގަނެފިއެވެ.

"އޮޕަރޭޝަން ހަމަމަގު" ގެ ނަމުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 678 ބިދޭސީއަކު ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

އިމިގްރޭޝަނުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ 75 ދިވެހިންނަށް ވަނީ ނޯޓިސް ދީފައެވެ. އަދި މި އޮޕަރޭޝަނަކީ އައްޑޫގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރެވޭ ޚާއްސަ މަސައްކަތެއް ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން އާއި އައްޑޫ އިމިގްރޭޝަން އޮފީހުގެ 35 އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. މިއީ ހޯމް މިނިސްޓްރީ، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.

ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 6,000 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުން ނިސްބަތްވާ ޤައުމުތަކަށް އަނބުރާ ފޮނުވާލާފައެވެ.

މީގެއިތުރުން، އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ޤާއިމްކޮށްފައެވެ. މި ޕްލެޓްފޯމަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ޚާއްސަކޮށްފައިވާ ޕްލެޓްފޯމެއް ކަމަށްވާއިރު، މިހާތަނަށް މި ޕްލެޓްފޯމަށް 1,297 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0