ރިޕޯޓު

ކުލީގެ މައްސަލައަށް ބޭނުންވަނީ ޤާނޫނީ ހައްލެއް

ޖުލައި 7, 2025 - 09:15
ޖުލައި 7, 2025 - 12:37
 0
ކުލީގެ މައްސަލައަށް ބޭނުންވަނީ ޤާނޫނީ ހައްލެއް
މާލެ ސިޓީ -- ފޮޓޯ: ވިރާސީ

މާލެއަކީ ދުނިޔޭގައި ނިސްބަތުން އެންމެ ބޮޑަށް ތޮއްޖެހިފައިވާ ސިޓީތަކުގެ ތެރެއިން އެއް ސިޓީއެވެ. ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް ރައްޔިތުން ދިރިއުޅެމުންދާ މާލޭސިޓީއަކީ ތަފާތު އެކި އިޖްތިމާޢީ މައްސަލަތަކުގެ ހާއްޔެކެވެ. މީގެ ތެރެއިންވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ މާލޭގައި ދިރިއުޅޭ ތަންތަނުގެ ކުލީގެ މައްސަލައެވެ. ލިބޭ ޢާމްދަނީއަށްވުރެ ކުލި ބޮޑު މައްސަލައެވެ. ބޮޑު އަގުގައި ކުއްޔަށް ހިފާ ތަންތަން އެކަށިގެންނުވާ ވަރަށް ކުޑަވުމެވެ. މިހެންގޮސް އެތައް ޝަކުވާއެކެވެ.

މާލޭގައި ކުލީގެ މައްސަލަ ގޯސްވެފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ބިމުގެ ދަތިކަމާއި، އާބާދީ އިތުރުވަމުން ދިއުމުގެ އިތުރުން ކުއްޔަށް ދޫކުރާ ތަންތަނުގެ ފެންވަރު ދަށްވުން ހިމެނެއެވެ. މީގެ އިތުރުން، ކުލި ކަނޑައެޅުމުގައި އެއްވެސް ހަމައެއް ނެތުމާއި، ތަންތަން ކުއްޔަށް ދޫކުރުމުގައި ޤާނޫނީ އޮނިގަނޑެއް ނެތުމަކީ މި މައްސަލަ އިތުރަށް ގޯސްވެފައިވާ ބައެއް ސަބަބެވެ.

ކުއްޔަށް ހިފާ ފަރާތްތަކުގެ ޝަކުވާތައް

ކުއްޔަށް ހިފާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ލިބޭ އާމްދަނީއާ އަޅާބަލާއިރު ދައްކަންޖެހޭ ކުލި މާބޮޑުވުމެވެ. ގިނަ ފަރާތްތަކުން މުސާރައިގެ 80 އިންސައްތައަށްވުރެ ބޮޑު އަދަދެއް ކުއްޔަށް ހޭދަކުރަން ޖެހެއެވެ. މީގެ އިތުރުން، އެޑްވާންސްގެ ގޮތުގައި ނަގާ ފައިސާގެ އަދަދު ބޮޑުވުމާއި، ކުއްޔަށް ދޫކުރާ ތަންތަނުގެ ޖާގައިގެ ދަތިކަމާއި، އަސާސީ ޚިދުމަތްތައް ނުލިބުން ފަދަ އެތައް މައްސަލަތަކެއް ދިމާވެއެވެ.

"1 ކޮޓަރީގެ އެޕާޓްމަންޓެއް މި ލިބެނީ 13,000ރ އަށް. އެޑްވާންސްގެ ގޮތުގަ 2 މަހުގެ ކުލި ދައްކަންޖެހޭ. ސާޅީހަކަށް ހާސް ކުއްޔަށް ދައްކާފަ ތަނަށް ވަންނައިރު އޭސީ ގަނޑެއްހާ ހިސާބުވެސް ނުހުރޭ. މި ލިބެނީ ހަތަރު ބިތް އެކަނި. ފަރުނީޗަރު ވައްދަން މި ޖެހެނީ ލޯނެއް ނަގަން" މާލޭގައި ވަކިން ދިރިއުޅެމުންދާ ޒުވާނަކު ކިޔައިދިނެވެ.

ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށުން ހަމައަށް ލިބެން ނުހުރުމާއި ޢާމްދަނީގެ ވަސީލަތްތައް މަދުވުމުގެ ސަބަބުން މާލެއަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ލިބެންހުރި އަގެއްގައި ތަންތަން ކުއްޔަށް ހިފަން މަޖުބޫރުވެއެވެ.

"ހިޔާ ފްލެޓުން ވެސް 1 ކޮޓަރި ލިބުނީ 8 ހާސް ރުފިޔާއަށް. އެމީހުން އެ އެޕާޓްމަންޓަށް އެޗްޑީސީއަށް ދައްކަންޖެހެނީ އެއަށްވުރެ މާ މަދުންކަން އަހަންނަށް އެނގޭ. ސަރުކާރުން ދޭ ފްލެޓްތަކުންވެސް އެ ކުރަނީ ވިޔަފާރި." ހިޔާ ފްލެޓެއްގައި ކުއްޔަށް އުޅޭ ޒުވާނަކު ކިޔައިދިނެވެ.

ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް

ކުއްޔަށް ދޫކުރާ ފަރާތްތަކުންވެސް ދިމާވާ އެތައް މައްސަލަތަކެއްގެ ވާހަކަ ދައްކައެވެ. އޭގެ ތެރޭގައި ބައެއް މީހުން ކުލި ނުދައްކާ ފިލައިގެން ދިއުމާއި، އިމާރާތަށް ގެއްލުން ދިނުމާއި، ޔުޓިލިޓީ ބިލްތައް ނުދެއްކުމާއި، އިމާރާތުގެ ތެރޭގައި ޤާނޫނާ ޚިލާފު ކަންކަން ކުރުން ހިމެނެއެވެ.

"3 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ދިނީ 2 އަހަރަށް. މިދިޔަ ހަފްތާގައި ތަން ދޫކޮށްލާފަ ދިޔައީ. އެޑްވާންސަށް ނެގި ލާރިން ތަނަށް ލިބިފަ ހުރި ގެއްލުންވެސް ފޫބެދޭނެ ހެން ހީނުވޭ. ރަނގަޅަށް ބަލާލި އިރު 2 ކޮޓަރި ހުރީ ކުދިން ބައިތިއްބާ ތަނަކަށް ހަދާފަ. 2 މަހުގެ ބިލްތައް އެބަހުރި ނުދައްކާ." މާލޭގައި އަމިއްލަ ގެއިން ކުއްޔަށް އެޕާޓްމަންޓް ދޫކުރާ މީހަކު އޭނާގެ އިހުސާސްތައް "ވިރާސީ" އާއި ހިއްސާކުރިއެވެ.

މިފަދަ އެތައް ހާދިސާއެއް މާލޭގައި ޢާއްމުކޮށް ހިނގާ އިރު ބައެއް މައްސަލަތައް ކޯޓާ ހަމައަށް ގޮސް ހައެއްކަ އަހަރުވަންދެން މައްސަލަ ނުނިމި ދިގުލައިގެން ދިއުމަކީ ކުއްޔަށް ދޭ ފަރާތްތަކުގެ ބޮޑު ޝަކުވާއެކެވެ.

މިހާތަނަށް އެޅުނު ފިޔަވަޅުތަކުގެ ނަތީޖާ

ފާއިތުވީ ވިއްސަކަށް އަހަރު އެކި ސަރުކާރުތަކުން މި މައްސަލަތައް ހައްލުކޮށްދޭނެކަމަށް ވަޢުދާއި އަހުދު ވިއެވެ. ނަމަވެސް މައްސަލައަށް ކުޑަވެސް ހައްލެއް އައިތަނެއް ނުފެނުނެވެ. ކުލީގެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހުޅުމާލޭގެ ނަމުގައި އައު ސިޓީއެއް ތަރައްޤީކުރުމާއި، ސޯޝަލް ހައުސިންގ މަޝްރޫޢުތައް ހިންގުން ހިމެނެއެވެ. ސަރުކާރުން ފްލެޓް އަޅައި ހެޔޮ އަގެއްގައި ރައްޔިތުންނަށް ދޭން ފެށުމުން މާލޭގެ އެޕާޓްމަންޓުތަކުގެ ކުލި ބޮޑުތަނުން ކުޑަވާނެކަމަށް ޤަބޫލުކުރެވުނަސް އެކަން އެގޮތަށް ނުވިއެވެ. އޭގެ ބަދަލުގައި ފެށިގެން އައީ ހެޔޮ އަގުގައި ދޫކުރި ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދިނުމުގެ ސަޤާފަތެކެވެ.

ޤާނޫނީ ހައްލެއްގެ މުހިންމުކަން

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. މީގެ ތެރޭގައި:

-- ކުއްޔަށް ދޫކުރާ ތަންތަނުގެ ހުންނަން ޖެހޭނެ މިންގަނޑުތައް ކަނޑައެޅުން 

ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަނެއްގައި ކޮންމެހެން ހުންނަން ޖެހޭނެ ކަންކަން ޤާނޫނަކުން ބަޔާންކުރަން ޖެހެއެވެ. މިގޮތުން ކުއްޔަށް ދޫކުރާ ތަނުގެ ކުޑަ ބޮޑުމިން ހުންނަން ޖެހޭ މިންވަރާއި, ކުއްޔަށް ދޫކުރާ ތަނުގައި ހުންނަން ޖެހޭ އަސާސީ ޚިދުމަތްތައް ކަނޑައަޅަން ޖެހެއެވެ. 

-- ކުލި ކަނޑައެޅުމުގެ އުސޫލުތައް އެކަށައެޅުން

ކުއްޔަށް ދޫކުރާ ތަނެއްގެ ޖާގައިގެ ބޮޑުމިނާއި އިމާރާތް ބޭނުންކޮށްފައިވާ މުއްދަތަށް ރިޢާޔަތްކޮށް ކުލީގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދެއް ކަނޑައަޅަން ޖެހެއެވެ. އަދި އެޑްވާންސް ނުވަތަ ޑިޕޮސިޓްގެ ގޮތުގައި ދޭ ފައިސާއަކީ ކުއްޔަށްދޭ މީހާ ބޭނުން ގޮަތަކަށް ޢަމަލުކުރެވޭ ފައިސާއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އެ ފައިސާ ދެފަރާތަށް އިންސާފުވެރި ގޮތެއްގައި ބޭނުންކުރެވޭނޭ ގޮަތަކަށް ޤާނޫނު ބައްޓަންކުރަން ޖެހެއެވެ.

-- ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓްރީކުރުމުގެ ނިޒާމެއް ޤާއިމުކުރުން

ކުއްޔަށް ދޫކުރާ އަދި ކުއްޔަށް ހިފާ ކޮންމެ ތަނަކީ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވޭ ތަނަކަށް ހެދުމަކީ މައްސަލަތައް މޮނީޓާކޮށް ހައްލު ގެނައުމުގައި ވަރަށް މުހިއްމު ފިޔަވަޅަކަށް ވެގެންދާނެއެވެ. އަދި މީގެ ސަބަބުން ކުއްޔަށް ހިފާ މީހާއާއި ކުއްޔަށްދޭ މީހާގެ ހައްޤުތައް ކަށަވަރުކޮށް ޒިންމާދާރުކުރެވިގެންދާނެއެވެ.

-- ހައުސިންގ ކޯޓެއް ޤާއިމުކުރުން

ދިރިއުޅެން ކުއްޔަށް ތަންތަން ދިނުމަކީ އޭގައި ފައިސާގެ މުޢާމަލާތް ހިމެނޭ ކަމަކަށް ވުމުން އޭގައި ބައިވެރިވާ ފަރާތްތަކުގ މެދުގައި މައްސަލަޖެހުމަކީ ގާތްކަމެކެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށް ޚާއްސަ ކޯޓެއް ޤާއިމުކުރުމަކީ މުހިއްމު ކަމެކެވެ. މިހާރު މިފަދަ މައްސަލަތަކުގައި ދާންޖެހެނީ މަދަނީ ކޯޓަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މައްސަލަތައް ނިންމުމަށް ނަގާ މުއްދަތު ދިގުވެގެން ދެއެވެ. އޭގެ ސަބަބުން މައްސަލާގައި ހިމެނޭ ފަރާތްތަކަށް މާލީ އިތުރު ގެއްލުންތައް ކުރިމަތި ވެއެވެ.

މީގެ ހައްލަކީ ހައުސިންގ ކޯޓެކެވެ. ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު އަވަސް ނިޔާ އިއްވޭ ކޯޓެކެވެ. އަދި ޚާއްސަކޮށް ގެދޮރުވެރިކަމުގެ މިފަދަ މައްސަލަތަކަށް އެކަނި ޚާއްސަވެފައިވާ ކޯޓެކެވެ.

-- މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރުން

ޤާނޫނުން ކަންތައްތަކެއް ލާޒިމުކޮށްފައިވިޔަސް އެއަށް ފުރިހަމައަށް ޢަމަލުކުރުމަކީ ދިވެހިންގެ އާދައެއް ނޫނެވެ. ޤާނޫނެއްގައި ބަޔާންވެފައި އޮތަސް އަމިއްލައަށް ފަސޭހަ ވާނެ ގޮތަކަށް ކަންތައްތައް ކުރުމަކީ ދިވެހި މުޖުތަމަޢުން އަބަދުމެ ފެންނަ މަންޒަރެވެ. މިފަދަ ކަންކަން ބެލުމަށް ރެގިއުލޭޓަރީ އިދާރާއެއް ޤާއިމުކުރުމަކީ ޤާނޫނުތައް ނެގެހެއްޓުމަށް މުހިއްމު ކަމެކެވެ. ކުއްޔަށް ހިފާ ފަރާތްތަކުންނާއި ކުއްޔަށް ދޫކުރާ ފަރާތްތަކުން ޤާނޫނަށް ޢަމަލުކުރަމުންދޭތޯ ބަލައި ފިޔަވަޅު އެޅުމަކީ މި އިދާރާގެ މަސްއޫލިއްޔަތެކެވެ.

ދާއިމީ ހައްލެއް އަންނާނެތަ?

ކުލީގެ މައްސަލައަކީ އަވަސް އަދި ދާއިމީ ހައްލެއް ބޭނުންވެފައިވާ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި، އެ ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާ އިދާރީ އޮނިގަނޑު ޤާއިމުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިކަމުގައި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ކަމާބެހޭ އިދާރާތަކުގެ އިތުރުން މުޅި މުޖުތަމަޢުގެ އެއްބާރުލުން ލިބުމަކީ މުހިންމު ކަމެކެވެ. ދައުލަތް ހިންގުމަށް ހަވާލުވާ ފަރާތްތަކުންވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ހަމައެކަނި ސޯޝަލްހައުސިން އަކުން ނުވަތަ މާލޭސިޓީއިން ދޭ ގޯއްޗަކުން މިކަމަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0