ޚަބަރު , ދުނިޔެ

ބާލީއަށް ދަތުރުކުރަމުން ދިޔަ ފެރީއެއް ފެތުމުގެ ހާދިސާގައި 4 މީހުން މަރުވެއްޖެ

ޖުލައި 3, 2025 - 21:45
ޖުލައި 3, 2025 - 21:33
 0
ބާލީއަށް ދަތުރުކުރަމުން ދިޔަ ފެރީއެއް ފެތުމުގެ ހާދިސާގައި 4 މީހުން މަރުވެއްޖެ
އިންޑޮނޭޝިއާގެ ބާލީ ސްޓްރެއިޓްގެ ކަނޑުމަތީގައި ފެރީއެއް ފެތުމާ ގުޅިގެން، ސަލާމަތްކުރާ ފަރާތްތަކުން ގެއްލުނު މީހުން ހޯދަމުންދަނީ -- ފޮޓޯ: ގޫގުލް:

އިންޑޮނޭޝިއާގެ  ޖާވާއިން  ބާލީއަށް، ބާލީ ސްޓްރެއިޓްގެ ކަނޑުމަތީ ދަތުރުކުރަމުންދިޔަ ފެރީއެއް ފެތުމުގެ ސަބަބުން މަދުވެގެން 4 މީހުން މަރުވެ، އެތައް ބަޔަކު ގެއްލިފައިވާކަމަށް އިންޑޮނޭޝިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

65 ފަސިންޖަރުންނާއި ފަޅުވެރިން ތިބި މި ފެރީ އިން މިހާތަނަށް ސަލާމަތް ކުރެވުނީ 31 މީހުންނެވެ. އަދިވެސް 30 މީހުން ހޯދުމަށް ސަލާމަތްކުރާ ފަރާތްތަކުން މަސައްކަތްކުރަމުންދެއެވެ. 

"ފެރީ އެއްފަރާތަށް ޖެހި ވަގުތުން ފެތިގެން ދިޔައީ،" ބާލީގެ ހޮސްޕިޓަލެއްގައި ހުރެ، ސަލާމަތްވި އެކާ ޓޮނިއަންސްޔާ ނޫސްވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

"ގިނަ ފަސިންޖަރުންނަކީ އިންޑޮނޭޝިއާގެ މީހުން. އަހަރެން ހުރީ އަހަރެންގެ ބައްޕައާ އެކު. އަހަރެންގެ ބައްޕަ މަރުވެއްޖެ."

އިންޑޮނޭޝިއާގެ ނެޝަނަލް ސާރޗް އެންޑް ރެސްކިއު އޭޖެންސީގެ ވެރިޔާ މުހައްމަދު ޝަފީއީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ 31 މީހުން ސަލާމަތްކުރެވިފައިވާ ކަމަށެވެ. "4 މީހުން މަރުވެފައިވާއިރު، 30 މީހުން އަދިވެސް ހޯދަމުންދަނީ،" އޭނާ ވިދާޅުވިއެވެ. 

އިންޑޮނޭޝިއާގެ ކެބިނެޓުން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، މި ހާދިސާ ހިނގީ "މޫސުން ގޯސްވުމުގެ" ސަބަބުން ކަމަށެވެ.

ބާލީ އަކީ މުޅި ދުނިޔޭގެވެސް ފަތުރުވެރިކަމަށް އެންމެ މަޝްހޫރު އެއް މަންޒިލެވެ. އަދި، އެއީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޝްހޫރު މަންޒިލެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0