ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސްކިޔެވުމުގެ ފުރުސަތު ލިބިއްޖެ: ޝަހީމް

ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ލިބިއްޖެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ޝަހީމް ވިދާޅުވީ މި ފުރުސަތު ލިބިގެން ދިޔައީ ރައީސް ޑރ. މުޢިއްޒު މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ކިޔަވަން ދާ އިމާމުންނަށް އެކޮމަޑޭޝަންގެ އިތުރުން ޕޮކެޓްމަނީވެސް ލިބިގެންދާނެއެވެ. އަދި އިމާމުންނަށް އަރަބި ބަސް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ މޮރޮކޯގެ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ހިންގާ އިންސްޓިޓިއުޓެއްގައެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި މޮރޮކޯ ސަރުކާރާއެކު އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެއެވެ. އަދި މި އެއްބަސްވުން މިހާރު އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ފުރުސަތަކީ ރާއްޖޭގެ އިމާމުންގެ ޢިލްމީ ފެންވަރު މަތިކޮށް، އަރަބި ބަހުގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ. މީގެ ސަބަބުން ރާއްޖޭގެ އިމާމުންގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.
ރިއެކްޓް



