ހުޅުމާލޭ ފްލެޓެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ޗައިނާ ފްލެޓެއްގައި މިއަދު ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އަޒީޒާ މިސްކިތް ކައިރީގައި ހުރި 94 ނަންބަރު ފްލެޓުގެ ދެވަނަ ފަންގިފިލާގައެވެ.
އެމްއެންޑީއެފުން މަޢުލޫމާތުދެއްވާ ގޮތުގައި އަލިފާންގަނޑު މިހާރު ވަނީ މުޅިން ކޮންޓްރޯލްކުރެވިފައެވެ. އެހެންނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
އަލިފާން ރޯވި ފްލެޓުގައި ދިރިއުޅެމުން އައީ 11 ބިދޭސީން ކަމަށާއި އަލިފާނުގެ ސަބަބުން އެ ފްލެޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މީޑިއާއަށް ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ހާދިސާ ހިނގި ކޮޓަރި ވަނީ މުޅިން ހަލާކުވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ފާއިތުވި އަހަރުތަކުގައި ވެސް މާލެ ސަރަހައްދުގައި މިފަދަ އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފައެވެ. މީގެ ތެރެއިން ބައެއް ހާދިސާތަކުގައި އެތައް ބައެއްގެ މުދަލަށް ގެއްލުން ލިބިފައިވެއެވެ. މިފަދަ ހާދިސާތައް ތަކުރާރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކަމާބެހޭ ފަރާތްތަކުން ގޮވާލަމުންދެއެވެ.
ރިއެކްޓް



