ޚަބަރު

ތިންހާހަށްވުރެ ގިނަ ދަރިވަރުންނާއެކު އޭލެވެލްގެ ކިޔެވުން ފަށައިފި

ސެޕްޓެމްބަރު 14, 2025 - 11:06
 0
ތިންހާހަށްވުރެ ގިނަ ދަރިވަރުންނާއެކު އޭލެވެލްގެ ކިޔެވުން ފަށައިފި
ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ ސްކޫލުގެ ދަރިވަރުންތަކެއް -- ފޮޓޯ: ސީއެޗްއެސްއީ

3200 ދަރިވަރުންނާއެކު ރާއްޖޭގެ ސްކޫލުތަކުގައި މިއަހަރުގެ އޭލެވެލްގެ ކިޔެވުން މިއަދު ފަށައިފިއެވެ. 

މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 6500 ދަރިވަރުން އޯލެވެލް ނިންމާފައިވާއިރު، އޭގެ ތެރެއިން 3200 ދަރިވަރުން ވަނީ އޭލެވެލްއަށް ކިޔަވަން ފަށާފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ. 2023 ވަނަ އަހަރު 6700 ދަރިވަރުން އޯލެވެލް ނިންމިއިރު، އޭލެވެލްއަށް ކިޔަވަން ފެށީ އެންމެ 2100 ދަރިވަރުންނެވެ.

ދައުލަތުގެ މީޑިއާ, ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު އިސްމާޢީލް ޝަފީޢު ވިދާޅުވި ގޮތުގައި، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު، އޯލެވެލް ނިންމައި އޭލެވެލް އަށް ކިޔަވަން ފެށީ 32 ޕަސެންޓް ވަރަކަށް ކުދިން ކަމަށް ވީނަމަވެސް މިއަހަރު ކުދިންގެ ހޭލުންތެރިކަމާ ޝަޢުގުވެރިކަން އިތުރުވެ، އޯލެވެލް ނިންމި ކުދިންގެ 49 ޕަސެންޓް މިއަހަރު އޭލެވެލްއަށް ކިޔަވަން ފަށާފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަތޮޅެތެރޭގެ އިތުރު ރަށްތަކުގައި އޭލެވެލްއަށް ކިޔެވުން ފެށުމަށް ލިބުނު އެދުންތަކާ ގުޅިގެން، މިއަހަރު އިތުރު 13 ސްކޫލެއްގައި އޭލެވެލްގެ ކިޔެވުން ވަނީ ފަށާފައެވެ. މިއާއެކު މިހާރު ރާއްޖޭގައި އޭލެވެލްއަށް ކިޔަވައިދޭ ސަރުކާރު ސްކޫލްތަކުގެ އަދަދު ވަނީ 66 އަށް އިތުރުވެފައެވެ.

މިނިސްޓަރު ޝަފީޢު ފާހަގަކުރެއްވި ގޮތުގައި އޭލެވެލްގެ މުހިންމުކަން ހަމައެކަނި އެކަޑެމިކް ކިޔެވުމަކަށް ނޫނެވެ. ވަޒީފާގެ މާޙައުލަށް ކުދިން ތައްޔާރުކުރުމާއި، މުޢާމަލާތްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމާއި، އާންމު ދިރިއުޅުމަށް ކުދިން ތައްޔާރުކުރުމަށްވެސް މަތީ ސާނަވީގެ މަރުޙަލާ މުހިންމުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0