ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ނަޝީދުގެ ތާއީދު!

ކުރިން ވެރިކަން ކޮށްފައިވާ ރައީސުންނަށް ގާނޫނުން ލިބިދޭ އިނާޔަތް ކުޑަކުރަން ތާއީދު ކުރައްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދު މިރޭ "އެކްސް"ގައި ވިދާޅުވީ އިނާޔަތް ކުޑަކުރުމަށް ތާއީދު ކުރައްވާ ކަން ހާމަކުރައްވާފައިވަނީ ހުސައިން ސަލާހުއްދީންގެ 'އަލް އަދަބު' ޅެމުގެ ޅެންބައިތުތަކެއް ހިއްސާކުރެއްވުމަށްފަހުގަ އެވެ.
"ލިބޭ މިންވަރު ނިކަން ދަނެގެން
ވި ބޭނުންތައް ބަހާލައިގެން
ތިބޭ ނަމައީ ފިކުރުކޮށްގެން
މިބޭޒާރު ނުވެސް ވާނޭ" ނަޝީދު ލިޔުއްވާފައިވެ އެވެ.
ކުރީގެ ރައީސުންނާއި މެންބަރުންނަށް ލިބޭ އެލަވަންސް ކަނޑާލުމަށް ގޮވާލާ ޒުވާނުން ކެމްޕެއިނެއް ފަށާފައިވަނިކޮށް, ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަޝީދަކީ މި ނިންމުމަށް ތާއީދު ކުރެއްވި ފުރަތަމަ ރައީސެވެ.
ރައީސް ކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތް ދޭން ފެށީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން, އުމުރުން 55 އަހަރު ފުރުމާއެކު އެއް ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 އިންސައްތަ އަދި ދެ ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 އިންސައްތަ ލިބެ އެވެ.
އޭގެ ފަހުން 2013 ގައި ވަނީ ކުރީގެ ރައީސުންނަށް ސިއްހީ އިންޝުއަރެންސްގެ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ކުރީގެ މެންބަރުންނަށް 18.9 މިލިއަން ރުފިޔާ ވަނީ ދައުލަތުން ހަރަދުކޮށްފަ އެވެ.
ރިއެކްޓް



