އައްޑޫއިން ކަރަންޓު ކެނޑުނީ ކޭބަލެއް ބުރިކޮށްގެން ވައްކަން ކުރަން އުޅެނިކޮށް: ފެނަކަ

އައްޑޫ ސިޓީން ރޭ ދަންވަރު ކަރަންޓު ކެނޑުނީ މީހަކު ކޭބަލަކަށް ގެއްލުން ދޭން އުޅެނިކޮށް ކަމަށް ފެނަކައިން މިއަދު ބުނެފިއެވެ.
މި ހާދިސާގައި ކޭބަލް ބުރިކުރަން އުޅުނު މީހާއަށް ކަރަންޓު ޖެހި، މިވަގުތު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރޭ ދަންވަރު ގާތްގަނޑަކަށް 2:40 ހާއިރު ފެނަކަ ކުންފުނީގެ އެލާމް ސިސްޓަމަށް ނޮޓިފިކޭޝަންތައް ލިބި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑުނުކަން ފާހަގަކުރެވުނެވެ. މި މައްސަލަ ދިމާވެފައިވަނީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވަރ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުންނެވެ.
ފެނަކައިގެ މުވައްޒަފުން ވަގުތުން ހަރަކާތްތެރިވެ، މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށި، ރޭ ފަތިހު 5:55 ގައި މުޅި ސިޓީއަށް އަލުން ކަރަންޓުގެ ޚިދުމަތް ދެވުނެވެ. މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން ވަނީ މިފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމުގެ އިތުރުން، އާންމު ރައްޔިތުންނަށް ތަކުލީފު ލިބޭ އަދި އެފަދަ އަމަލެއް ކުރާ ފަރާތްތަކުގެ ހަށިގަނޑަށާއި ފުރާނައަށް ނުރައްކާވެދާނެ ކަންކަން ކަމަށް ފާހަގަކޮށް، މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް މާފަށް އެދި، އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދީފައިވެއެވެ.
ރިއެކްޓް



