ޚަބަރު

މާލީ ބަޔާން ހުށަނާޅާ މަޖިލިސް މެންބަރުންނަށް ނޯޓިސް ދީފި

ސެޕްޓެމްބަރު 4, 2025 - 16:02
 0
މާލީ ބަޔާން ހުށަނާޅާ މަޖިލިސް މެންބަރުންނަށް  ނޯޓިސް ދީފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރަކަށް މަޖިލީހުން 15 ދުވަހުގެ ނޯޓިހެއް ދީފިއެވެ. މިއީ މާލީ ބަޔާން ހުށަނާޅާ މެންބަރުންނާ މެދު އަޅާ ފުރަތަމަ ފިޔަވަޅެވެ.

މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚު ކަމުގައިވާ އޮގަސްޓް 31 ފަހަނައަޅައި ދިޔައިރުވެސް، ފަސް މެންބަރަކު މާލީ ބަޔާން ހުށަހަޅާފައި ނުވެއެވެ. މީގެ ތެރޭގައި ހިމެނެނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމް، ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން އަދި އެމްއެންޕީއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، މާލީ ބަޔާން ހުށަހެޅުމަށް ދެވޭ 15 ދުވަހުގެ މުއްދަތު ހަމަވާއިރުވެސް ބަޔާން ހުށަނާޅައިފިނަމަ، އިތުރު ފިޔަވަޅުތަކެއް އެޅޭނެއެވެ. މީގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި އެ މެންބަރެއްގެ ނަން އިއްވައި، ތަޅުމުން ނެރުން ހިމެނެއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މިފަދައިން ނަން އިއްވައިފި މެންބަރަކަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނީ މާލީ ބަޔާން ހުށަހެޅުމުން އެކަންޏެވެ. އަދި މާލީ ބަޔާން ހުށަނާޅައި ހޭދަވާ ކޮންމެ ދުވަހަކަށް، އެ މެންބަރެއްގެ މުސާރައިން ދުވަހަކަށް ޖެހޭ މިންވަރު އުނިކުރެވޭނެއެވެ.

މިހާރު ދެވިފައިވާ 15 ދުވަހުގެ މުއްދަތުގައި މާލީ ބަޔާން ހުށަނާޅައިފިނަމަ، މި މެންބަރުންނާ މެދު އިތުރު ފިޔަވަޅުތައް އެޅިގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0