ފުވައްމުލަކު އެއާޕޯޓަށް އައްޑޫއިން ފަޔާ ޓްރަކެއް ގެންދަނީ

ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކެނޑިފައިވާ ހިނދު، އޮޕަރޭޝަންތައް އަވަހަށް އަލުން ފެށުމަށްޓަކައި އައްޑޫ ސިޓީން ފަޔާ ޓްރަކެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ހުސެއިން މިއަދު ހާމަކުރައްވައިފިއެވެ.
އިއްޔެ ހަވީރުން ފެށިގެން އެއާޕޯޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާއިރު، މި މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އިބްރާހިމް ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "މިފަދަ ކަންކަން ކުރިއަށް އޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ" ކަމަށެވެ.
އެއާޕޯޓުގެ ޚިދުމަތް މެދުކެނޑިފައިވުމާ ގުޅިގެން، މޯލްޑިވިއަން އިން ވަނީ ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް ގުޅައި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެއާލައިންގެ ކޯލް ސެންޓަރު 1671 އަށް ގުޅުމަށް ނުވަތަ cc@iasl.aero އަށް މެއިލް ކުރުމަށް އެ އެއާލައިނުން އަންގާފައިވެއެވެ.
2011 ވަނަ އަހަރު ސާކް ސަމިޓާ ދިމާކޮށް ތަރައްގީކޮށް ހުޅުވި މި އެއާޕޯޓަކީ އެސްޓީއޯއިން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. ފުވައްމުލަކަށް ދަތުރުތައް ބާއްވަނީ ހަމައެކަނި ގައުމީ އެއާލައިން، މޯލްޑިވިއަނުން ކަމަށްވާއިރު، ކޮންމެ ދުވަހަކު ދެ ދަތުރު އެ އެއާލައިނުން ބާއްވައެވެ.
ރިއެކްޓް



