ޤާނޫނު އަސާސީން ލިބިދޭ ހައްޤެއް ކަށަވަރުކުރުމަށް މަޝްވަރާކުރާކަށް ނުޖެހޭ: ނޫސްވެރިން

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤު ދެމެހެއްޓުމަށް ނުވަތަ ކަށަވަރުކުރުމަށް މަޝްވަރާކުރަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި ރާއްޖޭގެ ނޫސްވެރިން ބުނެފިއެވެ.
ކޮމިޓިން މިހާރު ދިރާސާކުރަމުންދާ "މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަށް" ނޫސްވެރިންގެ ޚިޔާލު ހޯދުމަށް މިއަދު ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވި 22 މީޑިއާއިންވެސް ވަނީ މި ބިލަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްޤުތަކަށް އަރައިގަންނަ ބިލެއްކަމަށް ބުނެފައެވެ.
ތިން ގަޑިއިރަށްވުރެ ގިނަ އިރަށް ދެމިގެންދިޔަ މި ބައްދަލުވުމުގައި ނޫސްވެރިން ވަނީ މި ބިލުގައި ހުރި ޤާނޫނު އަސާސީއާއި ޚިލާފު މާއްދާތައް ފާހަގަކޮށް މި ބިލަކީ އުފެދުމުގައިވެސް ގޯސްކޮށް އޮތް ބިލެއް ކަމަށާއި މި ބިލު މަޖިލީހުން ބޭރުކޮށްލުމަށް ކޮމިޓީން ނިންމަން ފެންނަ ކަމަށް ޚިޔާލު ދީފައެވެ.
މީޑިއާތައް ސަރުކާރުގެ ކޮންޓްރޯލްކުރެވޭ ގޮތަށް ފަރުމާކުރައްވައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން މަޖިލީހަށް ހުށަހެޅުއްވި މި ބިލު ދިރާާސާ ކުރުމަށް ކޮމިޓީން މިހާތަނަށް 3 ބައްދަލުވުން ބާއްވާފަައިވާއިރު މި ބިލަކީ އިތުރަށް އިސްލާހުކުރެވޭނެ ކަމަށް މީގެއިން އެއްވެސް ބައްދަލުވުމެއްގައި ކޮމިޓީއަށް ޚިޔާލުދީފައި ނުވެއެވެ.
ރިއެކްޓް



