ބްރޯޑްކޮމުން މީޑިއާ ބިލާ ދެކޮޅު, އެމްއެމްސީން ގޮވާލީ ބިލު ބޭރުކޮށްލަން

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މިހާރު އޮތް "މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލް" އާއި ދެކޮޅުކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީގައި ބުނެފިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ބިލު ދިރާސާ ކުރުމުގެ މަރުހަލާގައި ކޮމިޓީން މިއަދު ވަނީ ބްރޯޑްކޮމާއި އެމްއެމްސީއާއި ވަނީ ވަކިވަކީން ބައްދަލުކޮށްފައެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނާއެކު ބޭއްވުނު ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ސަފާ ޝަފީގު ވިދާޅުވި ގޮތުގައި، މިފަދަ މުހިންމު ބިލެއް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަކީ މުހިންމު ކަމަށާއި އެހެންނަމަވެސް، ބިލު ޑްރާފްޓްކުރުމުގައި ބްރޯޑްކޮމްގެ ހިޔާލު އަދި ދާއިރާގެ އެއްވެސް ސްޓޭކްހޯލްޑަރުންނާއި މަޝްވަރާކޮށްފައި ނުވާކަމުގެ ކަންބޮޑުވުން ސަފާ ފާހަގަކުރެއްވިއެވެ.
އަދި މީގެ އިތުރުން ރާއްޖެއަށް ބޭނުންވަނީ ސެލްފް ރެގިއުލޭޓްރީ ނިޒާމެއްތޯ ނުވަތަ ކޯ ރެގިއުލޭޓްރީ ނިޒާމެއްތޯ ވެސް ދިރާސާކުރަން ޖެހޭކަމަށާއި ބިލުގައި ހިމަނާފައިވާ ގިނަ ކަންކަމަކީ ފުޅާ ދާއިރާއެއްގައި ދިރާސާކޮށްގެން އެކުލަވާލެވޭނެ މާއްދާތަކަށްވާއިރު މި ބިލު ޑްރާފްޓްކުރުމުގައި އެއްވެސް ވަރަކަށް ދިރާސާއެް ކޮށްފައިވޭތޯ ސަފާ ވަނީ ސުވާލު އުފައްދަވާފައެވެ.
އަދި ހުރިހާ މީޑިއާ ޕްލެޓްފޯމްތަކެއް އެއް ގާނޫނެއްގެ ދަށަށް ގެނައުމަކީ އުނދަގޫ ކަމެއް ކަމަށާއި، މިފަދަ ގާނޫނެއް ތަންފީޒުކުރުމަށް ގިނަ އަދަދެއްގެ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލަން ޖެހޭނެ ކަމަށް ސަފާ ވިދާޅުވިއެވެ. އަދި މިއީ ކުރު މުއްދަތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމިޓީއިން މީޑިއާ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި އެ ކައުންސިލުން ވަނީ މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލަކީ އިސްލާހު ހުށަހަޅައިގެން ރަނގަޅު ކުރެވޭނެ ވަރަށްވުރެ ގޯސް ބިލެއް ކަމަށާއި މި ބިލަށް އެއްވެސް އިސްލާހެއް ހުށަހަޅަން މީޑިއާ ކައުންސިލުން ބޭނުންނުވާ ކަމަށެވެ. އަދި މި ބިލު މަޖިލީހުން ބޭރުކޮށް, އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސްނެގުމުގެ މަތީން ހުރިހާ ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކުރުމަށްފަހު މިފަދަ ބިލެއް އަލުން ޑްރާފްޓްކޮށް ހުށަހެޅުމަށް އެމްއެމްސީގެ މެންބަރުން ވަނީ ގޮވާލާފައެވެ.
އަދި މި ބިލުގައި ހުރި މައްސަލަތައް ފާހަގަކުރައްވަމުން ކައުންސިލުގެ މެންބަރުން ވިދާޅުވީ މި ބިލުގައި މީޑިއާތައް ރެގިއުލޭޓް ކުރާ ކޮމިޝަންގެ ކޮމްޕޮޒިޝަން ކަނޑައަޅާފައި އޮތްގޮތުން ދައުލަތަށް, އަދި ވަކީން ހާއްސަކޮށް ސަރުކާރަށް އެ ރެގިއުލޭޓްކުރާ ކޮމިޝަން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން، ބިލުގައި ނޫސްވެރިންގެ ރައްކާތެރިކަމަށް އެއްވެސް ސަމާލުކަމެއް ދީފައިނުވާކަން ފާހަގަކޮށް، ވަގުތީ ގޮތުން ނޫސްތައް ބަންދުކުރުމާއި، މައްސަލަ ނިމެންދެން ނޫސްތައް ބަންދުކޮށްފައި ބެހެއްޓުމާއި، ނޫސްވެރިންގެ މުސާރައާއި ނުބައްދަލު ބޮޑެތި ޖޫރިމަނާތަކުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އެމްއެމްސީން ބުނެފައިވެއެވެ.
އަދި އެންމެ ބޮޑަށް މީޑިއާތަކާމެދު ޢާއްމުންގެ މެދުގައި އޮންނަ ކަންބޮޑުވުމަށް މި ބިލުގައި އެއްވެސް ވަރަކަށް ހައްލު ހޯދަދީފައި ނުވާކަން އެމްއެމްސީން ފާހަގަކުރިއެވެ. އެގޮތުން ދޮގު ވާހަކަ ފެތުރުމާއި މީހުންގެ އަބުރަށް އުނިކަން އަންނަ ގޮތަށް ވާހަކަތައް ޝާއިޢުކުރަނީ ނޫހެއްގެ ގޮތުގައި ރަޖިސްޓްރީނުކުރާ ވެބްސައިޓްތަކުން ކަމަށާއި، މިފަދަ ސައިޓްތައް ބްލޮކްކުރި ނަމަވެސް ވީޕީއެން އާއި އިންޓަނޭޝަނަލް ހޯސްޓިން މެދުވެރިކޮށް އަލުން ހިންގަން ފަށާނެ ކަމަށް އެމްއެމްސީން ފާހަގަކުރިއެވެ. އަދި މިފަދަ ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކާއިމެދު އެޅޭނެ ފިޔަވަޅެއް މި ބިލުގައި ނެތްކަމަށް އެމްއެމްސީން ފާހަގަކުރިއެވެ.
ރިއެކްޓް



