މީޑިއާ ރެގިއުލޭޓު ކުރާ ބިލު ތަސްދީގު ނުކުރުމަށް ނަޝީދު ގޮވާލައްވައިފި

މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ބަލައިގަތް ބިލު ތަސްދީގު ނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް މުހައްމަދު މުއިއްޒަށް މިއަދު ގޮވާލައްވައިފި އެވެ.
ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު މެދުވެރިކޮށް މަޖިލީހަށް މިދިޔަ ހަފްތާގައި ހުށަހެޅުއްވި މި ބިލު، ޗުއްޓީގައި އޮތް މަޖިލިސް ހުޅުވައިގެން އިއްޔެ ވަނީ ބަލައިގަނެފައެވެ. ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މި ބިލާ ގުޅޭ ގޮތުން ނަޝީދު އަޑުއުފުއްލެވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސިޔާސީ ދާއިރާއަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ނަޝީދު ވިދާޅުވި ގޮތުގައި، "ސަރުކާރަކުން ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ހަނިކުރާ ކޮންމެ ފަހަރަކު އޭގެ ސަބަބުން އެ ޤައުމެއްގެ މިނިވަންކަމާއި ތަނަވަސްކަން ކުޑަވެގެންދާނެ" އެވެ. އެހެންވެ ލިޔުންތެރިއެއްގެ ހައިސިއްޔަތުންނާއި އެމްނެސްޓީ އިންޓަނޭޝަނަލްގެ ޕްރިޒަނަރ އޮފް ކޮންސައެންސްގެ ހައިސިއްޔަތުން ނަޝީދު، ރައީސް މުއިއްޒަށް ގޮވާލެއްވީ މީޑިއާ ބިލު ތަސްދީގު ނުކުރެއްވުމަށެވެ.
މި ބިލު އިއްޔެ މަޖިލީހުން ބަލައިގަނެފައި ވަނީ ކުއްލި ގޮތަކަށް އިއްޔެ ބަހުސް ނިންމާލުމަށްފަހު، އަނެއްކާ ބަހުސް ފަށައި އޮޅުވާލުމެއްގެ ތެރެއިން ކަމަށް ނޫސްވެރިން އަންނަނީ ފާހަގަކުރަމުންނެވެ. އިއްޔެ މިކަމާ ގުޅިގެން ނޫސްވެރިން މަޖިލީހާއި ރައީސް އޮފީސް އަދި މުލިއާގޭ ކުރިމަތީގައި މުޒާހަރާ ކުރިއެވެ. އެ މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރުވެސް ކުރިއެވެ.
ނަޝީދުގެ ޕޯސްޓުގައި އިއްޔެ މުޒާހަރާއިން ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައްވާފައިވެއެވެ. ނަމަވެސް އިއްޔެ މުޒާހަރާއިން ހައްޔަރުކުރި ނޫސްވެރިން މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލާފައިވެއެވެ.
ރިއެކްޓް



