ފާޑުކިޔުންތަކަށް ނުބަލައި މީޑިއާ ރެގިއުލޭޝަން ބިލު މަޖިލީހަށް ބަލައިގެންފި

ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާތައް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް ފަރުމާކޮށްފައި އޮތް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ,
މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރި ވެލެއްވި 61 މެންބަރުންގެ ތެރެއިން 49 މެންބަރުންގެ ވޯޓުންނެވެ. މި ބިލާއި ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
މި ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުންދިޔަ ގަޑީގައި ނޫސްވެރިން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި މި ބިލާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި މަޖިލީހުގެ ގެލެރީގައި މި ބިލާއި ދެކޮޅު ހެދުމަށް ނޫސްވެރިން ހިމޭން އިހުތިޖާޖު ކުރަމުން ދިޔައެވެ.
މި ބިލަށް ބަހުސްކުރެއްވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ މިބިލުގައި ކަންބޮޑުވާ ކަންތައްތަކެއް ނުވާކަމަށް ވިދާޅުވެފައެވެ. މިގޮތުން ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވަނީ މި ބިލަށް ވޯޓު ނުދޭ މެންބަރުންނަކީ ޤައުމު ފަސާދަކުރަން އުޅޭ ބައެއް ކަމަށް ސިފަކުރައްވާފައެވެ.
މި ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭނެ ގޮތަށް ވަނީ ހިމަނާފައެވެ. ޤާނޫނުގެ ދަށުން އުފައްދާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފުރުސަތު ދީފައިވެއެވެ.
މީގެ އިތުރުން، މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމާއި، ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލުކުރުމާއި، ނޫހެއްގެ ވެބްސައިޓް ބްލޮކްކުރުމާއި، ބްރޯޑްކާސްޓުކުރުން ހުއްޓުވުމުގެ ބާރު ހިމެނެއެވެ.
ރިއެކްޓް



