މީޑިއާ ރެގިއުލޭޝަން ބިލުގެ ބަހުސް މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފި

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން ހުށަހަޅުއްވާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލަށް ބަހުސް ކުރުމަށް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މި ބިލަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި، "މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ ނަމުގައި އައު މުއައްސަސާއެއް އުފެއްދުމަށް ހުށަހަޅާފައިވާ ބިލެކެވެ. ނަމަވެސް، ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާތަކުން ވަނީ މި ބިލު މަޖިލީހުން ބޭރުކޮށްލުމަށް އެދި މަޖިލިސް މެންބަރުންނަށް ގޮވާލާފައެވެ.
"މި ބިލު ބަލައިގަނެ ދައުރުން ބޭރުގައި ބާއްވާ އިތުރު ޖަލްސާއެއްގައި ފާސްކުރާނެ" ކަމަށް "ވިރާސީ" އަށް މަޢުލޫމާތު ދެއްވި މަޖިލިސް މެންބަރެއް ވިދާޅުވިއެވެ. ޕީއެންސީގެ މެންބަރުން މި ބިލަށް ތާއީދުކޮށް މި މަހުގެ 19 ވަނަ ދުވަހު ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
ރައީސް މުޢިއްޒު އިއްޔެ ރޭ ވިދާޅުވެފައިވަނީ ކޮމިޓީ މަރުހަލާގައި މި ބިލަށް އިސްލާހު ގެންނަން ޕީއެންސީގެ މެންބަރުންނަށް ދަންނަވާނެ ކަމަށެވެ. އޭގެ ތެރޭގައި މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައި އޮތް އޮތުން ބަދަލުކުރުން ހިމެނެއެވެ.
ނޫސްވެރިންނާއި މީޑިއާތަކުން ދެކޭގޮތުގައި މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ބިލެކެވެ. އެހެންކަމުން، މި ބިލު މަޖިލީހުން ބޭރުކޮށްލުމަށް އެދި ނޫސްވެރިން ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ.
މި ބިލުގެ ހަޤީޤީ ބޭނުމަކީ ސަރުކާރުން ހިތްހަމަނުޖެހޭ ތެދު މަޢުލޫމާތު މީޑިއާތަކުން ހާމަކުރުމަށް ހުރަސްއެޅުން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިޔާ މޫސާ ލަތީފު ވަނީ ވިދާޅުވެފައެވެ.
ރިއެކްޓް



