ކުޅުދުއްފުށި އެއާޕޯޓުގެ ޓާމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށައިފި

ކުޅުދުއްފުށި ސިޓީ އެއާޕޯޓް ފަސެންޖަރު ޓާމިނަލް ތަރައްޤީކޮށް ބޮޑުކުރުމަށް އަޅާ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެއާޕޯޓުގެ އާ ޓާމިނަލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. ކުރިން ރީޖަނަލް އެއަރޕޯޓުން ހިންގަމުން އައި ކުޅުދުއްފުށި އެއަރޕޯޓް މިހާރު ހިންގަމުން ގެންދަނީ އެމްއޭސީއެލްއިންނެވެ.
2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި މި އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށިފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް 9 ވަނަ ދުވަހުއެވެ. އެއާޕޯޓު ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށްވާއިރު، މި މަޝްރޫޢު ލަސްވެފައިވަނީ ދައުލަތުގެ މާލީ ހާލަތާއި، އެއާޕޯޓުގެ ޕްލޭނަށް ގެންނަން ޖެހުނު ބަދަލުތަކާއި، އިކުއިޕްމަންޓްތަކަށް އޯޑަރު ކުރުމުގައި ދިމާވި ލަސްތަކުގެ ސަބަބުންނެވެ.
ރައީސް މުޢިއްޒު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށްޓަށް ވަޑައިގެން އިތުރު ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވައިދެއްވާފައެވެ. މީގެ ތެރޭގައި ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތާއި، ސިޓީ ޖެޓީގެ މަސައްކަތް ފެށުމާއި، ބީއެމްއެލްގެ އިތުރު ބްރާންޗެއްގެ ބިންގާ އެޅުން ހިމެނެއެވެ.
މީގެ އިތުރުން، ކުނި މެނޭޖުކުރާ މަރުކަޒުގެ ބިންގާ އެޅުމާއި، ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު ބޮޑުކުރުމާއި، ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީފްރީކޮށް ބަހައްޓައި ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޓް



