ޚަބަރު

އަވަސް އަރުވާލައިގެން މީޑިއާ ބިލު ފާސްކުރަން އުޅެނީ ސަރުކާރު ނުރުހޭ މަޢުލޫމާތު ހާމަކުރުމަށް ހުރަސްއަޅަން: ނޫސްވެރިން

އޮގަސްޓް 26, 2025 - 19:58
 0
އަވަސް އަރުވާލައިގެން މީޑިއާ ބިލު ފާސްކުރަން އުޅެނީ ސަރުކާރު ނުރުހޭ މަޢުލޫމާތު ހާމަކުރުމަށް ހުރަސްއަޅަން: ނޫސްވެރިން
ފޮޓޯ: ވިރާސީ

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮވެފައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން އަވަސް އަރުވާލައިގެން މީޑިއާ ރެގިއުލޭޝަން ބިލު ފާސްކުރުމަށް މަސައްކަތް ކުރަނީ ސަރުކާރުން ނުރުހޭ ތެދު މަޢުލޫމާތު ފެތުރުމަށް ހުރަސް އެޅުމަށް ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިން ތުހުމަތުކޮށްފިއެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ބައެއް ނޫސްވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ތަޖުރިބާކާރު ނޫސްވެރިޔާ މޫސާ ލަތީފް ވިދާޅުވީ، "އެމަޖެންސީކޮށް މި ބިލު ފާސްކުރަން އުޅޭ މަގްސަދަކީ ސަރުކާރުން ހިތްހަމަނުޖެހޭ މަޢުލޫމާތު ފެތުރުން ވީހާވެސް އަވަހަށް ހުއްޓުވުން" ކަމަށެވެ.

މޫސާ ލަތީފުގެ ރައުޔަށް ބާރުދެއްވައި ދުވަސްވީ ނޫސްވެރިޔާ ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ މީޑިއާ ރެގިއުލޭޝަން ބިލަކީ ރާއްޖޭގެ ޤާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްޤުތައް ހަނިކޮށްފައިވާ ބިލެއް ކަމަށެވެ. އަދި މި ބިލަކީ ޑިމޮކްރަސީގެ ފަލްސަފާއާއި ޚިލާފު ބިލެއް ކަމަށް ހިރިގާ ވިދާޅުވިއެވެ.

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ. މި ބިލު އަނބުރާ ގެންދިޔުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި އެމްޖޭއޭގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ގޮވާލާފައެވެ.

މި ބިލު މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލާ ނޫސްވެރިން މިހާރު ދަނީ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ. މިއަދުގެ ހަވީރާއި ހަމައަށް 80 އަށްވުރެ ގިނަ ނޫސްވެރިން ވަނީ މި ޕެޓިޝަނުގައި ސޮއި ކޮށްފައެވެ.

ނޫސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް ދޫކޮށްލުމަށް ބިލުގައި ކަނޑައަޅާފައި ވުމާއި ނޫސްވެރިންނާއި މީޑިއާތަކަށް ނުފޫޒު ފޯރުވޭނެ ގޮތަށް އެކި ވަރުގެ ފިޔަވަޅުތަކާއި ޖޫރިމަނާތައް ބިލުގައި ހިމަނާފައި ވުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0