މިއަދުން ފެށިގެން ކުޑަކުދިންނަށް ވަޅި ވިއްކުން މަނާ

18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅި ވިއްކުމަކީ މަނާ ކަމެއްކަމަށް ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން މިއަދު ހާމަކޮށްފިއެވެ.
މި ނިންމުން އައިސްފައިވަނީ ގޭންގު ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް މިއަދުން ފެށިގެން ޢަމަލުކުރަން ފެށުމާ ގުޅިގެންނެވެ.
މި ޤާނޫނުގެ ދަށުން ކުޑަކުއްޖަކަށް ވަޅި ވިއްކައިފިނަމަ، 20,000 ރުފިޔާއިން ފެށިގެން 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް ފުލުހުން ބުނެއެވެ. މި ޖޫރިމަނާ ކުރެވޭނީ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުންނެވެ.
މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ސެންޓަރުން ގުޅިގެން މި ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެއެވެ. މި ޕްރޮގްރާމްތަކުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކާއި، ތޫނު އެއްޗެހި އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ކުރާ ކުށްތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރެއެވެ.
ވިޔަފާރިވެރިންނަށް އަމާޒުކޮށް ދެވޭ މަޢުލޫމާތުގައި، "ތުހުމަތުކުރެވޭ ފަދަ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިއާއި ކަޓަރު ތިލަ އަދި އެނޫންވެސް އެފަދަ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ވިއްކުމަކީ މަނާކަމެއް" ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުވެ، ކުޑަކުދިންގެ މެދުގައި ހިނގާ މާރާމާރީއާއި ގޭންގު ޙަރަކާތްތައް މަދުވެގެންދާނެ ކަމަށް ފުލުހުން އުންމީދުކުރެއެވެ.
ރިއެކްޓް



