ޚަބަރު

ގައުމީދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ބާއްވަނީ

އޮގަސްޓް 23, 2025 - 17:46
 0
ގައުމީދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ބާއްވަނީ
ފޮޓޯ: ވިރާސީ

ދިވެހިރާއްޖޭގެ ފަޚުރުވެރި ގައުމީ ދުވަހާ ގުޅިގެން، ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އިންތިޒާމުކޮށްގެން ސިފައިންގެ ޝަރަފުގެ ހިނގާލުމެއް މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި ބަންޑާރަކޮށި ކުރިމަތިންނެވެ. މާލޭގެ މައި މަގުތަކުގައި ކުރިއަށްދާ މި ހިނގާލުމުގައި، ލަޝްކަރު ހަތަރު ތަނެއްގައި މަޑުކުރާނެއެވެ. އެއީ ސޯސަންމަގުގައި ހުންނަ ދިވެހިބަހުގެ އެކަޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރުއަނގޮޅި، މަޖީދީމަގުގައި ހުންނަ މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގުގައި ހުންނަ ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމައްޗެވެ. މި ހުރިހާ ތަނެއްގައިވެސް މިލިޓަރީ ބޭންޑުން ރާގު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ފަޚުރުވެރި "ގައުމީ ދުވަސް" ގެ ގޮތުގައެވެ. މި ދުވަހަކީ ރާއްޖެ 15 އަހަރާއި ހަ މަސް ދުވަހުގެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކުރި ނަސްރާއި، އައްސުލްތާނުލް ޣާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި، އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަތަލުންގެ ހަނދާނާއި ޒިކުރާ އާކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

މި ޝަރަފުގެ ހިނގާލުމަކީ ގައުމީ ދުވަހުގެ ރޫހު އާލާކޮށް، ދިވެހި ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ބަތަލުންގެ ހަނދާން އާކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. ރައްޔިތުންނަށް މި ހިނގާލުން ބަލާލުމަށް ދިވެހި ގައުމީ ދިފާޢީ ބާރުން ވަނީ ހުޅުވާލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0