ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް އެހީވުން ފުޅާ ކުރަނީ

ރާއްޖޭގައި ފަގީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން ދެވޭ އެހީތެރިކަން ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިކަމާ ގުޅޭ ހާއްސަ ކަރުދާހެއް ކެބިނެޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވުނު އިންޓަނޭޝަނަލް ޒަކާތު މަހާސިންތާ ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، "އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ޒަމާނާއި ހާލަތަށް ބަލައި ތަރައްގީ ކުރެވެން އޮތް ހަމައެކަނި ރުކުނަކީ ޒަކާތާ ގުޅޭ ކަންކަން" ކަމަށެވެ. އަދި ރާއްޖެއަކީ ޒަކާތުގެ ދާއިރާގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވިގޮތުގައި މިހާރު އެކުލަވާލަމުން އަންނަނީ ފަގީރުންނާއި މިސްކީނުންގެ ދިރިއުޅުމުގެ އެކިއެކި ޒަރޫރީ ބޭނުންތައް ފުއްދައިދޭނެ ގޮތުގެ ތަސައްވުރެކެވެ. މީގެ ތެރޭގައި ބޭސްފަރުވާއާއި، ތައުލީމާއި، ބޯހިޔާވަހިކަން ފަދަ މުހިންމު ޒަރޫރީ ކަންކަން ހިމެނޭނެއެވެ.
ޒަކާތާ ބެހޭ ކަންތައްތަކުގައި ރާއްޖެއަށް އާ އުސްމިންތަކެއް ގެނައުމުގެ މަސައްކަތުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޒަކާތު ބިލަކީ މުހިންމު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ބިލް އެކުލަވާލާފައިވަނީ ދުނިޔޭގެ އެންމެ ފަހުގެ އިލްމީ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަމަށާއި، އެހެން ގައުމުތަކުގެ މިފަދا ގާނޫނުތަކަށްވުރެ މި ބިލް ފުރިހަމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް އުންމީދުކުރައްވާ ގޮތުގައި މި ބިލް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެވި، އެހެން ގައުމުތަކަށްވެސް ތަރުޖަމާކޮށް ފޮނުވޭނެއެވެ. މި ބިލް އެކުލަވާލުމުގައި މިދިޔަ އަހަރު ބޭއްވި އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގެ އިލްމުވެރިންގެ ލަފަޔާއި އިރުޝާދުގެ ބޭނުން ހިފާފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރިއެކްޓް



