ޚަބަރު

މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

އޮގަސްޓް 22, 2025 - 19:36
 0
މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

ސްޓެލްކޯއިން މާލެ ސަރަހައްދަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިންޖީނުގޭގެ މުހިއްމު މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ވަގުތީގޮތުން ނިއްވާލާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މާދަމާ ހެނދުނު 6:00 އިން 10:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށްދާ ވަގުތު، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން، ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ. ނަމަވެސް ހޮސްޕިޓަލްތަކާއި އެހެނިހެން މުހިންމު ޚިދުމަތްދޭ މުއައްސަސާތަކަށް ކަރަންޓުގެ މެދުކެނޑުމެއް ނާންނާނެކަމަށް އެ ކުންފުނިން ވަނީ ޔަގީންކޮށްދީފައެވެ.

ކަރަންޓު މެދުކެނޑޭނެ ސަރަހައްދުތަކާއި ވަގުތު އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުރާލާ އަންގާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. 

މި މަސައްކަތަކީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު މަސައްކަތެއްކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. އަދި މި މަސައްކަތް ތާވަލުކުރެވިފައިވާ ގަޑީގެ ކުރިން ނިންމައި، ވީއެންމެ އަވަހަކަށް އާންމު ހާލަތަށް ކަރަންޓުގެ ޚިދުމަތް ގެނައުމަކީ އެ ކުންފުނީގެ އަމާޒުކަމަށްވެސް ބުނެފައިވެއެވެ.

މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0