ޚަބަރު

މީޑިއާ ވިލެޖާ އެކު 5 ތަރީގެ ހޮޓަލެއް ހެދުމަށް އެޗްޑީސީން ބަޔަކާ ހަވާލުކޮށްފި

އޮގަސްޓް 21, 2025 - 10:40
 0
މީޑިއާ ވިލެޖާ އެކު 5 ތަރީގެ ހޮޓަލެއް ހެދުމަށް އެޗްޑީސީން ބަޔަކާ ހަވާލުކޮށްފި
ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ފަޅަށް ދޫކޮށްލައިފައި އޮތް ސިޓީ ހޮޓަލުގައި، މީޑިއާ ވިލެޖާ އެކު ފަސް ތަރީގެ ހޮޓަލެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފިއެވެ.

މީރުމާ ހޮޓަލުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީގެ އިތުރުން އެ ކުންފުނީގެ ސީސީއޯ އަހުމަދު އަސްލަމެވެ. ވޯލްޑް އޮފް ބިޒްނަސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނައީމް އާއި ސީއީއޯ ފަހޭޒް ޕަންގަތުގެ އިތުރުން ސީއޯއޯ އަލީ ނާހިޒެވެ.

"މަންހަޓަން ގްރޭންޑް" ގެ ނަމުގައި އަލުން އިމާރާތްކުރެވޭ މި ހޮޓަލުގައި 158 ކޮޓަރީގެ އިތުރުން މަލްޓިޕާޕަސް ހޯލާއި، ކޮންފަރެންސް ހޯލްތަކާއި، ސްވިމިން ޕޫލާއި، ބައިނަލްއަޤްވާމީ ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި، ޖިމް އަދި ސްޕާގެ ޚިދުމަތް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން، ހޮޓަލުގެ 3.5 ފަންގިފިލާ ހާއްސަކުރެވިގެންދާނީ ސަރުކާރުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޤައުމިއްޔަތު އިންސްޓިޓިއުޓް އަދި އެމްއެންޔޫ މެޑިކަލް ކޮލެޖަށެވެ.

މި މަޝްރޫޢުގެ ދަށުން ހޮޓަލުގެ މަސައްކަތްތައް 9 މަސްދުވަހުގެ ތެރޭގައި ނިންމައި، އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާގެ މަސައްކަތްތައް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.

މި ހޮޓަލަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލާ ގުޅުވާލެވޭ ސިޓީ ހޮޓަލަކަށް ވެގެންދާނެއެވެ. މިއީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީކުރެވޭ އިމާރާތެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0