ޚަބަރު

އިތުރު ޚިޔާލެއް ހުށައެއް ނާޅާނަން، ބިލު މަޖިލީހުން ބޭރުކޮށްދީ: އެމްއެމްސީ

އޮގަސްޓް 20, 2025 - 23:42
 0
އިތުރު ޚިޔާލެއް ހުށައެއް ނާޅާނަން، ބިލު މަޖިލީހުން ބޭރުކޮށްދީ: އެމްއެމްސީ
ފޮޓޯ: އެމްއެމްސީ

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލް" އަށް އިތުރު އެއްވެސް ޚިޔާލެއް ހުށަނާޅާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

އެމްއެމްސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މިއަދު ބޭއްވުނު އެ ކައުންސިލުގެ ޖަލްސާގައި ވަނީ މި ބިލު މަޖިލީހުން ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ޕާލިމެންޓަރީ ގްރޫޕުތަކަށް ދެންނެވުމަށް ނިންމާފައެވެ.

އެމްއެމްސީން ނިންމި އިތުރު ނިންމުންތަކުގެ ތެރޭގައި، ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓަކަށް އެދުމަށް ވެސް ނިންމިއެވެ.

މީގެ އިތުރުން، މީޑިއާ ރެގިއުލޭޝަން ބިލާ ދެކޮޅަށް އެކި ހަރަކާތްތައް ރާވައި ހިންގުމަށް ވެސް އެ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި މި ބިލު ބަލައިނުގަތުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޕާލިމެންޓަރީ ގްރޫޕުތަކަށް ލިޔުމުން އެދުމަށްވެސް ވަނީ ނިންމާފައެވެ.

މީޑިއާ ކައުންސިލުން ފާހަގަކުރި ގޮތުގައި މި ބިލުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް ދޫކޮށްލުމެވެ. މިގޮތުން މީޑިއާތައް ރެގިއުލޭޓް ކުރުމަށް އުފައްދާ ކޮމިޝަނުގެ 7 މެންބަރުންގެ ތެރެއިން 3 މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުން ކަމަށްވުމާއި، ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ބާރުވެސް ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވުމަކީ ސަރުކާރުގެ ނުފޫޒު ފުޅާވެގެންދާނެ ކަމެއްކަމަށް އެމްއެމްސީން ޤަބޫލުކުރެއެވެ. އަދި މީޑިއާތަކުން ވޯޓުދީގެން އިންތިޚާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިވުމަކީ މީޑިއާތަކުން ފާހަގަކުރާ ކަންބޮޑުވުމެކެވެ.

މި ބިލަކީ މީޑިއާގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ބުނެ، ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ބިލެކެވެ. އެމްއެމްސީން މިހާރު މި ނިންމި ނިންމުމަކީ މި ބިލާ ދެކޮޅަށް އެ ކައުންސިލުން އަޅާ އެންމެ ފަހުގެ ފިޔަވަޅެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0