ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ނިޔާވެއްޖެ

ފުލުހުންގެ ބަންދުގައި ހުރި 48 އަހަރުގެ މީހަކު މިއަދު ފަތިހު ނިޔާވެއްޖެއެވެ.
ފުލުހުން މަޢުލޫމާތުދެއްވި ގޮތުގައި ނިޔާވި މީހާއަކީ ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙްއެވެ.
ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުގައި ހުރި އަފްރާޙްގެ ހާލަތު މިއަދު ފަތިހު 5:50 އެހައިކަށްހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަން ފާހަގަކުރެވުނެވެ. އޭނާ ވަގުތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
އަފްރާޙް ފުލުހުންގެ ބަންދަށް ގެނެވިފައިވަނީ މީގެ ދެ ދުވަސް ކުރިން، އޯގަސްޓް 15 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަޙްޤީޤު މިހާރު ދަނީ ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަނުން ކުރަމުންނެވެ.
މި ހާދިސާއާ ގުޅޭ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން، މި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަޙްޤީޤެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
ރިއެކްޓް



