ފަންސާސް ފަސް ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫޢު އާރްސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ 55 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ދެމެދު އިއްޔެ ސޮއިކުރެވިއްޖެއެވެ.
މި އެއްބަސްވުމުގައި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ހާމިދު ޔޫސުފެވެ. އަދި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ. މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށި، ކުރިއަށް އޮތް 11 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ 55 ކައުންސިލް އިމާރާތް ނިމޭއިރު، ގޯތީގެ ވަށާފާރާއި، އޮފީހަށް ބޭނުންވާ ފަރުނީޗަރު ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫއު އާރުސީސީއާ ހަވާލުކުރެވުނީ، ކުރިން މި މަސައްކަތް ހަވާލުކުރެވުނު މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއާއެކު ވެވުނު އެއްބަސްވުން ބާތިލުކުރުމަށްފަހުގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވައުދެއްގެ ގޮތުގައި ހިމެނޭ މި މަޝްރޫއުގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި 120 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް އެޅުމަށް ވަނީ ރޭވިފައެވެ. "30 ނޫނީ 40 އަހަރުވެފައިވާ ކައުންސިލް އިމާރާތްތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުނުއިރު، އެ ތަންތަން ހުރީ މަރާމާތު ވެސް ނުކޮށް" ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ހެކްސްޓާ ގްލޯބަލްއާއެކު އޮތް އެއްބަސްވުން ބާތިލުކުރެވުނީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމާ ގުޅިގެން ކަމަށާއި، އެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ކުންފުންޏަށް އެއްވެސް ބަދަލެއް ދޭންޖެހިފައި ނުވާކަމަށް މިނިސްޓްރީން ބުނެއެވެ.
ރިއެކްޓް



