ޚަބަރު

ކުމުންދޫ ކައިރިން ދޯންޏެއް ބަންޑުންޖަހާލައި މީހަކު ނިޔާވެއްޖެ

އޮގަސްޓް 7, 2025 - 11:11
 0
ކުމުންދޫ ކައިރިން ދޯންޏެއް ބަންޑުންޖަހާލައި މީހަކު ނިޔާވެއްޖެ
ފޮޓޯ: ވިރާސީ

ހދ. ކުމުންދޫ ކައިރިން މިއަދު ހެނދުނު ދަތުރުކުރަމުންދިޔަ ދޯންޏެއް ބަންޑުންޖަހާލުމުގެ ސަބަބުން 66 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ކަނޑަށް ވެއްޓުނު ހަތަރު މީހުންގެ ތެރޭގައި ހިމެނޭ މި މިހާ ނިޔާވީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ހެނދުނު 10:30 ހާއިރުއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސަޕްލައި ދޯނި ބަންޑުންޖަހާލި ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދުގެ ހެނދުނު 08:55 ހާއިރުއެވެ. އަދި މި ދޯނީގައި ދަތުރުކުރީ ދެ ބިދޭސީންނާއި ދެ ދިވެހިންނެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހާމަކުރި ގޮތުގައި، ހާދިސާގެ މަޢުލޫމާތު ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، ކޯސްޓްގާޑު ހާބަކްރާފްޓް ލޯންޗު އެ ސަރަހައްދަށް ފޮނުވައި، ކަނޑުވެފައި ތިބި ހަތަރު މީހުން ވަނީ ސަލާމަތްކޮށްފައެވެ.

މިއީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަނޑުމަތީގައި ހިނގި މިފަދަ އެކަނި ހާދިސާއެއް ނޫނެވެ. އިއްޔެ ރޭ ކ. ޒަމާނީ އައިލެންޑް ކައިރިން ކ. ގުރައިދޫއަށް 17 ބިދޭސީންނާއެކު ދަތުރުކުރި ޑިންގީއެއްވެސް ވަނީ ބަންޑުޖަހާލާފައެވެ. ނަމަވެސް އެ ހާދިސާގައި އެންމެން ވެސް ވަނީ ސަލާމަތްކުރެވިފައެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ތަޙުޤީޤު ކުރިއަށް ގެންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0