ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ހަތަރު މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލެއާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއެވެ. ކޯޓު އަމުރެއްގެ ދަށުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ 111.08 ގްރާމުގެ އެއްޗަކާއި ފަސް ފުޅި ބަނގުރާ ވަނީ އަތުލައިގަނެވިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން އެކަކު ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. އެހެން ނަމަވެސް، މ. އާރު / މާލެ، މުޙައްމަދު ލަޔާން އަޙްމަދު (21އ) އާއި ކޮކާހަނދުވަރު / މ. މުލައް، ޢަލީ ނާޘިމް (40އ) ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މ. މޯނިންގވިޔު / މާލެ، ޢަލީ ނާވީ ނިޔާޒު (23އ) ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ފުލުހުންގެ ފަރާތުން ކުރިއަށެވެ. މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
ރިއެކްޓް



