ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް 1 އަހަރުގެ މެޑިކަލް ވިސާ ދޫކުރަނީ

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ސިއްހީ ފަރުވާއަށް ދަތުރުކުރާ ގައުމަކަށްވާތީ، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ނޫސް ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
ލަންކާގެ ފޮރިން މިނިސްޓަރު، ވިޖިތާ ހެރަތް ވިދާޅުވެފައިވަނީ "މި ނިންމުމަކީ ސަރަހައްދީ ފަތުރުވެރިކަމާއި އިގްތިސާދީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުންނާއި ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ދިރުވައި، އަވަށްޓެރި ގައުމުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ގެނައުމުގެ މަގުސަދުގައި މަޝްވަރާތަކަކަށް ފަހު ނިންމި ނިންމުމެއް" ކަމަށެވެ.
ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތަށް ހަމަޖެއްސިކަން އިއުލާން ކުރެއްވީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެއްވި ދެ ގައުމުގެ ގުޅިފައިވާ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ނިންމުމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވަނީ ލަންކާގެ ރައީސަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖެއަށް އަންނަ ލަންކާ މީހުންނަށް ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން މިހާރު ވަނީ ފަށައިފައެވެ.
ރިއެކްޓް



